ކައިވެންޏަކީ ދެފަރާތެއްގެ ދެމެދުގައި އޮންނަ ގުޅުމެކެވެ. އެހެންކަމުން މި ގުޅުން ރަނގަޅު ގޮތުގައި ދެމެހެއްޓުމަށް ދެ ފަރާތުގެ ވެސް އެއްބާރުލުން ބޭނުންވާނެއެވެ.

ލޯތްބައި އަޅާލުމާއި އިތުބާރާއި އެކަކު އަނެކަކަށް އެހީތެރިވުމަކީ ގުޅުމެއް ދެމެހެއްޓުމަށް ދެ ފަރާތުން ވެސް ކުރަން ޖެހޭނެ ކަމެކެވެ.

ކައިވެނި ރޫޅުމަށް މެދުވެރިވާ ކަންތައްތައް އަނބިމީހާ އަދި ފިރިމީހާގެ ފަރާތުން ވެސް ފެންނާނެއެވެ.

މިގޮތުން ކައިވެންޏަށް ބުރޫއަރާގޮތަށް ބައެއް އަންހެނުންނަށް ކުރެވޭ ކަންތައްތަކަކީ:

ފިރިމީހާ ކޮށްދޭ ކަންތައްތަކަށް ޝުކުރުވެރިނުވުން

ފިރިމީހާ ކޮށްދޭ ކަންތައްތަކުގެ އަގުވަޒަން ނުކޮށް، ފިރިމީހާއާއި އަޅާނުލާ އަބަދު ފޯނުގައި ނުވަތަ އެހެން ކަންކަން އިސްކޮށްގެން އުޅޭ އަންހެނުން ވެސް އުޅެއެވެ.

ފިރިމީހާގެ އަގުވައްޓާލުން

އެހެން މީހުންގެ ކުރިމަތީގައި ފިރިމީހާގެ އަގުވައްޓާލާ، ދެރަކޮށްލާ އަންހެނުން ވެސް އުޅެއެވެ. ފިރިމީހާގެ އުނި ކަންތައްތަކަށް މަލާމާތްކޮށް ބަދުނާމު ކުރުމުގެ ބަދަލުގައި އެކަން ރަނގަޅު ކުރުމަށް އެހީތެރިވެދޭ މީހަކަށް ވާންވާނެއެވެ.

ހަރަދުބޮޑުވުން

ހަރަދު ކުރަންވާނީ ފިރިމީހާއަށް ލިބޭ މިންވަރަކުންނެވެ. ދަތި ދުވަސްތައް ވެސް އަންނާނެއެވެ. އެފަދަ ވަގުތުތަކުގައި އެކަން ދެނެގަންނަން ވާނެއެވެ. އާއިލާއަށް ޚަރަދު ކުރުމަށްޓަކައި ފިރިމީހާ ކުރާ މަސައްކަތުގެ އަގުވަންޒަން ކުރަންވާނެއެވެ.

އަބަދު ދެބަސްވެ އަރާރުންވުން

މާގިނައިން ދެބަސްވެ އަރާރުންވާ ނަމަ އެއީ އެއްކޮށް އުޅެން ބޭނުން ނުވާ ކަމުގެ ސިގްނަލްއެކެވެ. އެއީ އެކަމުން ކައިވެންޏަށް ބުރޫއަރާނެ ކަމެކެވެ.

މީގެއިތުރުން ވެސް ހަޑިހުރުތު ބަހުން ފިރިމީހާއާއި މުހާތަބު ކުރުމަކީ ވެސް ކައިވެންޏަށް ބުރޫއަރާ ކަމެކެވެ.

މި ކަންތައްތަކަކީ ހުރިހާ އަންހެނުންގެ ފަރާތުން ފެންނަ ކަމެއް ނޫނެވެ. މިއީ ބައެއް އަންހެނުންގެ ފަރާތުން ފެންނަ ކަންތައްތަކެވެ.