ބިގް ބޮސްއިން މަގުބޫލުކަން ހޯދާފައިވާ ޝެހެނާޒު ގިލް، ދާދި ފަހުން މަރުވި އޭނާގެ ލޯބިވެރިޔާ، ސިދާތު ޝުކުލާގެ ހަނދާނުގައި ނެރުނު ލަވަ އެންމެންގެ ހިތްތަކާއި ކުޅެލައިފިއެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހު ސިދާތު މަރުވުމުން އެކަމުގެ ފުން އަސަރުތަކެއް ކުރި ޝެހެނާޒު އޭނާގެ ފިލުމީ މަސައްކަތާއި ދުރުގައި މަހެއްހާ ދުވަހު ހުރުމަށް ފަހު އެނބުރި މަސައްކަތަށް ނިކުމު މާގިނަ ދުވަސްތަކެއް ނުވެ މި ވީޑިއޯ ލަވަ މިވަނީ އާއްމުންނާއި ހަމައަށް ގެނެސްދީފައެވެ.

ބިގް ބޮސްއިން ސިދާތުއާއި ޝެހެނާޒުގެ ބައެއް ހަނދާންތަކާއި އެކު ގެނެސްދީފައިވާ މި ލަވައަކީ ''ތޫ ޔަހާން ހެއި'' އެވެ. ދެމީހުންގެ ބައެއް ސިގްނެޗަރ އެކްޓްތައް ގެނެސްދީފައިވާ އިރު މި ލަވައިން ގިނަ ބަޔަކަށް އެންމެ ބޮޑަށް އަސަރު ކޮށްފައިވަނީ ސިދާތުގެ އަޑުން ''ސަނާ'' ގޮވާލާ ގޮވާލުމުންނެވެ.

މަޑުމައިތިރި މިޔުޒިކެއްގައި ގެނެސްދީފައިވާ މި ލަވައިގެ ތެރެއިން ސިދާތުގެ އަޑުން ''ސަނާ'' އަށް ގޮވާލާ އަޑަށް ޝެހެނާޒު އެނބުރިލާ އެނބުރިލުން ގިނަ ބަޔަކަށް އަސަރު ކުރުވިއެވެ.

މި ލަވައިގައި ދައްކުވައިދެނީ އެކަނިވެރި މާހައުލެއްގައި ބިގް ބޮސްގައި ސިދާތުއާއި އެކުގެ ހަނދާންތަކާއި ޝެހެނާޒު ހިނގަމުންދާ މަންޒަރުތަކެވެ.

ސިޑްނާޒުގެ ސަޕޯޓަރުންނަށް މި ވީޑިއޯ ލަވަވެގެން ދިޔައީ ވަރަށް މުހިންމު ލަވައެކެވެ. ސަޕޯޓަރުންގެ ތައުރީފު މި ލަވައަށް އޮހެމުންދާއިރު ޝެހެނާޒުއަށް ހަމްދަރުދީގެ މެސެޖުތަކާއި ހިތްވަރުގެ މެސެޖުތައް އެތައް ފަރާތުން ދަނީ ފޮނުވަމުންނެވެ.

މި ލަވަ ބަލާފައި ގިނަ ފަރާތްތަކަކުން ބުނެފައިވަނީ ލަވަ ބެލުމަށް ފަހު ލޮލުން ކަރުނަ އައި ކަމަށެވެ. އަދި ޝެހެނާޒުއަށް ވާނެ ތަދު އިހުސާސް ކުރެވޭ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.