ސެލެބްރިޓީ ޝެފް ނުސްރަތު ގުޓްޗެއިގޮކްސޭގެ ނިއުޔޯކް ރެސްޓޯރެންޓުގައި ކުރިން މަސައްކަތް ކުރި ދެ މުވައްޒަފުންނާ ދޭތެރޭގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ، 500،000 ޑޮލަރު(7,710,000 ރުފިޔާ) ހޯދުމަށް ދައުވާއެއް އުފުލައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދައުވާކުރި މީހުންގެ ތެރޭގައި ރެސްޓޯރެންޓުގެ ސީނިއާ ސްޓާފުންވެސް ހިމެނެއެވެ.

ނުސްރަތު ގުޓްޗެއިގޮކްސްސޭ ސްޓީކްހައުސް އާ ދެކޮޅަށް ހުށަހަޅާފައިވާ ދައުވާއަށް ބަލާ އިރު، ވެއިޓަރު އެންޖެލޯ މެހެރް އާއި ބާޓެންޑަރ އެލިޒަބަތު ކްރޫޒް ބުނަމުންދަނީ އެ ދެ މީހުންނަކީ ތުރުކީ މީހުން ނޫން ކަމަށް ވާތީ އެ ދެ މީހުންނާ މެދު ތަފާތު ގޮތަކަށް އަމަލުކޮށްފައިވާ ކަމަށެވެ.

މެހެރް މި ރެސްޓޯރެންޓްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ.

ޓިޕްސްއާ ބެހޭ މައުލޫމާތު ނުލިބޭ ކަމަށް ބުނެ މެހެރް ވަނީ އޭނާގެ މެނޭޖަރާ ވާހަކަ ދައްކާ އެކަން ހިއްސާކޮށްފައެވެ. ނަމަވެސް އޭގެ ޖަވާބުގައި މެނޭޖްމަންޓުން ބުނީ ޓިޕްސް އާ ބެހޭގޮތުން ދެން ވާހަކަ ދައްކައިގެން ނުވާނެ ކަމަށާއި މިއީ އެންމެ ފަހުގެ އިންޒާރު ކަމަށެވެ.

ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި ދިމާވާ މައްސަލަތަކުގައި މެހެރްގެ މުސާރައިންވެސް ކަނޑާއިރު ތުރުކީގެ މުވައްޒަފެއްގެ މުސާރައިން މިފަދަ ހާލަތެއް ދިމާވުމުން ނުކަނޑާކަމަށް އޭނާ ބުންޏެވެ.

މަހެރް ވަޒީފާއިން ވަކިކޮށްފައި ވަނީ 2020 ވަނަ އަހަރުގެ މާރިޗު މަހުގައެވެ. އޭނާ ދަނީ އޭނާގެ ހައްގު ހޯދުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުންނެވެ. މި ހާދިސާ ފެންމަތިވުމާއި އެކު ސޯލްޓް ބައި އަށް ގިނަ ބައެއްގެ ފާޑުކިޔުންތައްވެސް އަމާޒުވިކަން ފާހަގަ ކުރެވެއެވެ.

ސޯލްޓް ބައި އެންމެ ފުރަތަމަ މަޝްހޫރުވީ 2017 ވަނަ އަހަރުގައި އާންމުވި ވީޑިއޯ އަކުންނެވެ. އެ ވީޑިއޯގައި ސޯލްޓްބައި ސްޓީކް ތައްޔާރުކުރާ މަންޒަރާއި އޭނާގެ މީމްތައް މައްޝޫރުވެފައިވާހެން ސްޓީކްގެ މައްޗަށް ލޮނު އަޅާ މަންޒަރު ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު