އެމެރިކާއަށް އުފަން އުމުރުން 7 އަހަރުގެ ވިނޭ ޑިސައުޓެލްސްއަކީ ކެންސަރު ޖެހިފައިވާ ކުދިންނަށް ބޮލުގެ އިސްތަށި ހަދިޔާ ކުރުމަށް ބޮލުގެ އިސްތަށިގަނޑު ދިގު ކުރި ފިރިހެން ކުއްޖެކެވެ.

ދެ އަހަރު ވަންދެން އިސްތަށިގަނޑު ދިގު ކުރުމަށް ފަހު އޭނާގެ އިސްތަށިގަނޑު މިހާރު ވަނީ ކެންސަރު ޖެހިފައިވާ ކުދިންނަށް ހަދިޔާކޮށް އެންމެންނަށް ނަމޫނާ ދައްކާފައެވެ.

އިސްތަށިގަނޑު ދިގު ކުރުމުން އަންހެން ކުއްޖަކާ ވައްތަރުކަމަށް ބުނެ އެތައް ކުދިންނެއް ވިނޭއަށް ފާޑުކިޔައި މަލާމަތް ކޮށްފައިވެއެވެ.

ކެންސަރު ޖެހިފައިވާ ކުދިންނަށް އިސްތަށިގަނޑު ހަދިޔާ ކުރިފަހުން މިއަދު އޭނާވެސް މި ވަނީ ކެނަސަރު ބަލީގެ ޝިކާރައަކަށްވެފައިވާކަން އެނގިފައެވަ.

ވިނޭގެ ކަކުލުގައި ރިއްސާ ލޯ ކައިރި ދުޅަވުމުން އެލާޖިކް ވީ ކަމަށް ހީކޮށް ޑޮކްޓަރަށް ދެއްކުމުން އެނގުނީ ވިނޭއަށް ކެންސަރު ޖެހިފައިވާ ކަމެވެ. ކޮން ބާވަތެއްގެ ކެންސަރެއްކަން އަދި ވެސް ޑޮކްޓަރުންނަށް ބުނެދޭކަށް ނޭނގެއެވެ.

ވިނޭގެ މަންމައާއި ބައްޕަ މިހާރު ވަނީ ފައިސާގެ އެހީއަށް ބޭނުންވެފައެވެ. ވިނޭގެ މަންމަ އިނީ ވިހަން ކައިރިވެފައެވެ.

ވިނޭގެ ބައްޔަށް ބޭސް ކުރުމަށް އޭނާގެ މާމައާއި ކާފަ ވެސް ދަނީ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ވިނޭގެ ފަރުވާއަށް 500،000 ޑޮލަރު ބޭނުންވެއެވެ. އަދި މިހާރު ވަނީ ގާތްގަނޑަކަށް 460،000 ޑޮލަރު އެއްކުރެވިފައި ކަމަށް އާއިލާގެ ފަރާތުން ބުނެފައިވެއެވެ.

ވިނޭގެ އާއިލާއިން ވަނީ ކެންސަރު ޖެހިފައިވާ އެހެން ކުދިންނަށް ވެސް ފައިސާގެ އެހީ ހޯދުމަށް ލިންކެއް ހަދާފައެވެ.