މިހާރު ނެޓްފްލިކްސްގައި އެންމެ ކާމިޔާބު އެއް ސީރީޒް ކަމުގައިވާ ދެކުނު ކޮރެޔާގެ ޑްރާމާ ''ހެލްބައުންޑް'' ގެ ދެވަނަ ސީޒަނެއް ނެރޭނެ ކަމަށް ޑްރާމާގެ ޑައިރެކްޓަރ ބުނެފިއެވެ.

މި މަހުގެ 19 ވަނަ ދުވަހު ނެޓްފްލިކްސްގައި ދައްކަން ފަށާފައިވާ މި ޑްރާމާ ވަނީ ސްކުއިޑް ގޭމުގެ ރެކޯޑުތައް ވެސް މުގުރާލާފައެވެ.

ފުރަތަމަ އެޕިސޯޑުން ދުނިޔޭގެ އެއްވަނަ ހޯދާފައިވާ މި ޑްރާމާގެ ޑައިރެކްޓަރ ޔިއޯން ސެންގް ހޯ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ވައިޓީއެންއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ފުރަތަމަ ސީޒަނުގައި ދައްކާފައިވާ ހިސާބުން، ދެން ކަންތައް ވާނެ ގޮތް ދައްކުވައިދޭން ދެވަނަ ސީޒަނެއް ނެރޭނެ ކަމަށެވެ. ނަމަވެސް އެއީ އެނިމޭޓެޑްކޮށް ކަމަށެވެ.

ދެވަނަ ސީޒަނުގައި ދައްކުވައިދޭނީ އިންސާނުންގެ އާރެއް ބާރެއް ނެތް ކަމަށާއި އަދި އެ އިންސާނުން ބޭނުންވެއްޖެނަމަ ކޮންމެ ކަމަކާއި ވެސް ކުރިމަތިލާނެހާ ހިތްވަރު ހުންނަ ކަމެވެ. މި ކަންތައްތައް ދެވަނަ ސީޒަނުގައި ދައްކުވައިދޭ ގޮތް ފުރަތަމަ ސީޒަނުގައި ދައްކުވައިދޭ ގޮތާއި ވަރަށް ތަފާތު ވާނެ ކަމަށް ވެސް ޑައިރެކްޓަރ ބުނެފައިވެއެވެ.

ދެވަނަ ސީޒަނާއި ބެހޭގޮތުން އަދި އިތުރު އެއްވެސް މަޢުލޫމާތެއް ދެވެން ނެތް ކަމަށް ވެސް ޑައިރެކްޓަރ ޔިއޯން ސެންގް ހޯ ބުނެފައިވެއެވެ.

މި ޑްރާމާއަށް ނަމެއް ދިނުމުގައި އުދަނގޫތަކެއް ކުރިމަތިވި ކަމަށާއި އެކި ނަންނަން ކިޔަމުން ގޮސް އެންމެ ފަހުން ފާސްވި ނަމަކީ ''ހެލްބައުންޑް'' ކަމަށް ވެސް ޑައިރެކްޓަރ ފާހަގަ ކޮށްފައިވެއެވެ.

މި ޑްރާމާއަށް ''ރިސަރެކްޝަން'' ކިޔުމަށް ވެސް މަޝްވަރާ ކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު