ނެޓްފްލިކްސްގެ އެންމެ ކާމިޔާބު ޑުރާމާ ކަމުގައިވާ ދެކުނު ކޮރެޔާގެ ޑުރާމާ ސްކުއިޑް ގޭމަށް އިތުރު ޝަރަފެއް ލިބިއްޖެއެވެ.

މިދިޔަ ހޯމަ ދުވަހު ނިއު ޔޯކު ސިޓީގައި ބޭއްވި ގޯތަމް އެވޯޑު ހަފުލާއިން ސްކުއިޑް ގޭމަށް ވަނީ އެވޯޑެއް ލިބިފައެވެ. އަދި މިއީ ދެކުނު ކޮރެޔާގެ ޑުރާމާއަކަށް ގޯތަމް އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ.

މި އެވޯޑު ހަފުލާގައި ސްކުއިޑް ގޭމު ވަނީ ދެ ކެޓަގަރީއަކުން ނޮމިނޭޓް ވެފައެވެ. އެއީ ''ބްރޭކްތުރޫ ސީރީޒް އޯވަރ 40 މިނިޓްސް'' އާއި ''އައުޓްސްޓޭންޑިން ޕާރފޮމެންސް'' ގެ ކެޓަގަރީއިން މި ޑުރާމާގެ އެކްޓަރ ލީ ޖަންގް ޖައެ ވަނީ ނޮމިނޭޓް ވެފައެވެ.

ސްކުއިޑް ގޭމުގެ ޑައިރެކްޓަރ ހުވަން ޑޮންގް ހުއަކްއާއި ޑުރާމާގެ އެކްޓަރުން ކަމުގައިވާ ލީ ޖަންގް ޖައެއާއި ޖަންގް ހޯ ޔިއޯމް ބައިވެރިވި މި އެވޯޑު ހަފުލާއިން ސްކުއިޑް ގޭމަށް އެވޯޑު ލިބިފައިވަނީ ''ބްރޭކްތުރޫ ސީރީޒް އޯވަރ 40 މިނިޓްސް'' ކެޓަގަރީއިންނެވެ.

މިއާއި އެކު މި އެވޯޑު ވެގެން ދިޔައީ ދެކުނު ކޮރެއާއަށް އެންމެ ފުރަތަމަ ލިބުނު ގޯތަމް އެވޯޑަށެވެ.

އެވޯޑު ލިބުމުން ސްޓޭޖު މަތީގައި ވާހަކަ ދައްކަމުން ޑައިރެކްޓަރ ހުވަން ވަނީ އޭނާގެ އިހުސާސްތައް ހިއްސާ ކޮށްފައެވެ.

''މީގެ 12 އަހަރު ކުރިން އަހަރެން މި ޑުރާމާ ލިޔުނީ ވަރަށް ފަރުވާތެރިކަމާއި އެކު. ނަމަވެސް އެކަކަށް ވެސް ކަމަކު ނުދިޔަ. މީހުން ބުނި ތީ ގަބޫލު ކުރެވޭ އެއްޗެއް ނޫނެ. ކަމަކު ނުދެޔޭ. މި ސީރީޒް ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް 12 އަހަރު ނެގި. ނަމަވެސް 12 ދުވަހުގެ ތެރޭގައި އެއްވަނަ ސީރީޒްއަށްވެއްޖެ. ސީރީޒް ބެލި ހުރިހާ ފަރާތްތަކަށް ޝުކުރިއްޔާ'' ޑައިރެކްޓަރ ބުނެފައިވެއެވެ.