އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި މޭގަން މާކެލްގެ އަންހެން ދަރިފުޅު ލިލީބެޓް ޑަޔާނާ އަށް ހަމަސް ފުރިފައި ވާއިރު ދަރިފުޅުގެ ބައެއް ވާހަކަތައް މޭގަން ކިޔައިދީފިއެވެ.

ލިލީއަށް ނަން ދީފައި ވަނީ ހެރީގެ މަންމަ ޑަޔާނާގެ ނަމާއި ގުޅުވައިގެންނެވެ. މިއީ ހެރީގެ ދެވަނަ ދަރިފުޅެވެ. ލިލީގެ ދޮއްޓަށް ހުރީ ފިރިހެން ދަރިފުޅު އާޗީއެވެ.

މޭގަން ބުނާ ގޮތުގައި ފިރިހެން ދަރިފުޅު އާޗީގެ ފަރާތުން ހަލަބޮލިކަން ފެނުނު ނަމަވެސް ލިލީގެ ފަރާތުން ފެންނަނީ "އެއްވެސް ކަމަކާއި ވިސްނުމެއް ފިކުރެއްނެތި" އަބަދުވެސް ވަރަށް ހަމަޖެހިލައިގެން އިންނަތަނެވެ. ބޭބެ އަބަދު ކުޅެން އުޅޭއިރުވެސް ލިލީގެ ފަރާތުން ފެންނަނީ ހަމަހިމޭންކަން ކަމަށް މޭގަން ބުނެއެވެ.

ދަރިފުޅުގެ އެންމެ ބޮޑު އެއް ބަދަލެއްގެ ގޮތުގައި މޭގަން އަށް ފާހަގަ ކުރެވުނީ މިހާރު ދަތްފަޅަން ފަށާފައި ވުމެވެ.

އެލެން ޑިޖެނެރަލް ޝޯގައި ނޮވެމްބަރ މަހު ވާހަކަ ދައްކަމުން މޭގަން ބުނީ ލިލީގެ ކިބައިން ފެންނަނީ "އާންޓީ އެލެންގެ ކިބައިން ފެންނަ ފަދަ ހިނިތުންވުމެއް." ކަމަށެވެ.

ލިލީ ވަނީ ދާދިފަހުން ހެލޮވީން ވެސް ފާހަގަ ކޮށްފައެވެ. ބޭބެ އާޗީ ޑައިނަސޯއެއްގެ ހެދުން އެޅިއިރު ލިލީ ހެދުން އެޅީ މަލަކާއި ގުޅުވައިގެންނެވެ. ނަމަވެސް އެހެދުން ލިލީ ލައިގެން އޮތީ ފަސް ވަރަކަށް މިނެޓް ވަންދެން ކަމަށް މޭގަން ބުންޏެވެ.

ލިލީގެ އެއްވެސް ފޮޓޯއެއް އަދި މިހާތަނަށް އާއްމު ކޮށްފައެއް ނުވެއެވެ. ހެރީގެ އާއިލާ މިހާރު އުޅެނީ މީޑިއާ އާއި ވަރަށް ދުރުންނެވެ. ހެރީ ބުނެފައިވާ ގޮތުގައި އޭނާ އެންމެ ބޮޑު ސަމާލުކަމެއް ދެނީ މޭގަން އާއި ދަރިން އެހެން މީހުންގެ އުނދަގޫ ނުފޯރާ ހިސާބުގައި ގެންގުޅުމަށެވެ.

ލިލީ އަކީ އިނގިރޭސިވިލާތުގެ ތަހުތާއި ހަވަނައަށް އެންމެ ކައިރީގައި ހުރި ކުއްޖާއެވެ. ނަމަވެސް ލިލީ އާއި ބޭބެ އާޗީ އާއި ހަމައަށް ވެރިކަން އަންނާނީ އެކުދިންގެ ކާފަ ޗާލްސް އާއި ބޮޑުބޭބެ ވިލިއަމް އާއި ދެބެންދެދަރިން ކުދިން ރަސްކަން ކުރުމަށް ފަހު އަދި ބައްޕަ ހެރީ އަށް ވުރެވެސް ފަހުންނެވެ.