ބޮލީވުޑުގެ ހަބަރުތަކުގެ ތެރެއިން މި ދުވަސްވަރު އެންމެ ފާހަގަ ކޮށްލެވޭ އެއް ހަބަރަކީ ޖެކުއެލިން ފެނާންޑަޒްގެ މައްޗަށް ކުރެވިފައިވާ މަނީ ލޯންޑްރިންގެ މައްސަލައެވެ.

މަކަރާއި ހީލަތުން އިންޑިޔާގެ ވިޔަފާރިވެރިއެއްގެ އަންހެނުންގެ ފަރާތުން އެތައް ލައްކަ ފައިސާއެއް ހޯދާފައިވާ ސުކޭޝް ޗަންދުރަޝޭކަރުގެ ފަރާތުން ޖެކުއެލިންއަށް ވަނީ ގިނަ އަދަދެއްގެ އަގުބޮޑު ހަދިޔާތަކެއް ލިބިފައެވެ.

މި މައްސަލައާއި ގުޅީގެން ޖެކުއެލިން ވަނީ އެތައް ފަހަރެއްގެ މަތިން އީޑީ އޮފީހަށް ހާޒިރު ކޮށްފައެވެ. މިއިން ކޮންމެ ފަހަރަކުވެސް ޖެކުއެލިން ބުނެފައިވަނީ ސުކޭޝް އޭނާއާއި ވާހަކަ ދައްކާފައިވަނީ ނަން އޮޅުވާލައިގެން ސިޔާސީ މީހެއްގެ ގޮތުގައެވެ.

ޖެކުއެލިންއަށް ސުކޭޝް ދީފައިވާ ހަދިޔާތަކުގެ ތެރޭގައި ގުޗީ އަދި ޗެނަލްގެ ތިން އަތް ދަބަހާއި، ގުޗީ ދެ ޖިމް ވެއަރއާއި ލުއިސް ވުއިޓަން ބޫޓަކާއި ޑައިމަންޑް ކަންފުތާލާ ދެ މުދީގެ އިތުރުން އަތުގަ އަޅާ ދެ ބްރޭސްލެޓާއި މިނީ ކޫޕާ ކާރެކެވެ.

މިއިން ކޮންމެ އެއްޗަކީ ވެސް 8 ލައްކަ އިންޑިއަން ރުޕީސްއަށްވުރެ އަގު ބޮޑެތި ތަކެއްޗެވެ. މީގެއިތުރުން ސުކޭޝް ވަނީ ޖެކުއެލިންގެ އާއިލާގެ ބައެއް މެމްބަރުންނަށް ފައިސާގެ އެހީތެރިކަން ވެސް ފޯރުކޮށްދީފައެވެ.

މީގެއިތުރުން 52 ލައްކަ ރުޕީސްގެ އަގުބޮޑު އަހެއް ވެސް ވަނީ ޖެކުއެލިންއަށް ހަދިޔާއެއްގެ ގޮތުގައި ލިބިފައެވެ.

ސުކޭޝް ހައްޔަރު ކުރުމަށް ފަހު ކަފާލާތުގެ ދަށުން ޖަލުން ސަލާމަތް ވުމަށް ފަހު ސުކޭޝްއާއި ޖެކުއެލިން ވަނީ ޗެންނާއީގެ ހޮޓަލެއްގައި ދުވަސްތަކެއް ހޭދަކޮށްފައެވެ. މިކަމަށް ވެސް 10 ކްރޯރް އިންޑިއަން ރުޕީސްއަށް ވުރެ ބޮޑު ހަރަދެއް ކޮށްފައެވެ.

ސުކޭޝްގެ ފަރާތުން ޖެކުއެލިންއަށް ލިބިފައިވާ މި ހަދިޔާތަކުގެ ސަބަބުން މި މައްސަލައިން ޖެކުއެލިންއަށް ފަސޭހަކަމާއި އެކު ސަލާމަތް ވެވެން ނެތް ކަމަށް އީޑީއިން ވަނީ ބުނެފައެވެ.