ބަންގްލަދޭޝްގެ މަޝްހޫރު ބަތަލާ ރައިމާ އިސްލާމް ޝިމޫ ގެއްލިފައި ވަނި ޖެނުއަރީ 16 ވަނަ ދުވަހުއެވެ. އޭގެ ފަހުން އޭނާގެ ފުރާނަނެތް ހަށިގަނޑު ޒަހަމްތަކާއެކު ފެނިފައި ވަނީ ޑާކާގެ ސަރަަހައްދަކުން އޭގެ އަނެއް ދުވަހުއެވެ.

އޭނާގެ ހަށިގަނޑު ފެނިފައި ވަނީ ގޯންޏެއްގެ ތެރެއިންނެވެ.

އެ ގައުމުގެ ފުލުހުން މިހާރު ކުރިއަށްގެންދަ ހާއްސަ ތަހުގީގުން ފުލުހުންނަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. އަދި އޭނާ އޮތީ މަރާލާފައި ކަމަށް ފުލުހުން ބުނެފަ ވެއެވެ. އޭނާ މަރަލުމަށްފަހު އެއްލާލާފައި އޮތީ ްކެރަނިގަންޖްގައި އޮންނަ ބްރިޖެއް ކައިރިއަށެވެ. ފުލުހުން ފެށި ތަހުގީގުން އެނގުނުގޮތުގައި އޭނާ މަރާލާފައި ވަނީ ފިރިމީހާއެވެ. އެކަމުގައި އޭނާގެ ބައިވެރިވުމެއް ވާކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން އޭނާގެ ރަހުމަތްތެރިއެއްވެސް އެ މައްސަލައިގައި ހައްޔަރު ކުރިއެވެ. އަދި ރައިމާގެ ހަށިގަނޑު ސައިމުއްލާ މެޑިކަލް ކޮލެޖް ހޮސްޕިޓަަލަށް އޮޓޮޕީސީއަށް މިދިޔަ އަންގާރަ ދުވަހު ގެންގޮސްފައި ވަނީ އަނިޔާގެ ނިޝާންތަކެއް އޭނާގެ ހަށިގަނޑުން ފެންނަން ހުރުމުންނެވެ.

މި މަރުގެ ފަހަތުގައި ފޮރުވިފައި ވަނީ ކޮން ކަހަލަ ކަމެއްކަން އަދި ކަށަވަރު ނުވިނަމަވެސް ބަންގްލަދޭޝްގެ އެތައް މީޑިއާއަކުން ބުނެފައި ވަނީ ރައިމާ މަރާލުމުގައި އެކްޓަރެއްގެ ބައިވެރިވުން ވާ ކަމަށެވެ. ރައިމާއަކީ ބަންގްލަދޭޝްގެ ފިލްމް އާޓިސްޓް އެސޯސިއޭޝަންގެ މެންބަރެއްވެސް މެއެވެ. އަދި ފުލުހުން ދަނީ އެ މަރުގެ ފަހަތުގައިވާ ކަންކަން ވަރަށް ބޮޑަށް ބަލަމުންނެވެ. ހާއްސަކޮށް ރައިމާގެ އެ މަރުގެ ފަހަތުގައި މި އެކްޓަރ ވޭތޯ ފުލުހުން ބަަލަމުންދާ ކަަމަށް ބުނެފައި ވެއެެވެ.

މީީޑިއާތަކުން ބުނަނީ ރައިމާގެ މަރުގެ ފަހަތުގައިވާ އެކްޓަރަކީ ވަރަށް ނުފޫޒު ގަދަ އެކްޓަރެއް ކަމަށެވެ. އަދި އެ އެކްޓަރަކީވެސް ފިލްމް އެސޯސިއޭޝަންގެ މެންބަރެއް ކަމަށް ވެއެވެ. ނަމަވެސް އެ އެކްޓަރުގެ ނަން ހާމަކޮށްފައެއް ނުވެއެވެ.

ރައިމާ ގެއްލުުނުއިރު ދިރިއުޅެމުން ދިޔައީ ފިރިމީހާ އާއި ދަރިފުޅާއި އެކު ގޭގައެވެ.

އޭނާ ފިލްމީ ދާއިރާއަށް ނުކުތީ 1998 ވަނަ އަހަރުއެވެ.