އެމެރިކާގެ ނިއުޖާޒީގައި ދިރިއުޅެމުން އަންނަ އަންހެނަކަށް މިދިޔަ ހަފްތާގައި ކުރަން ޖެހުނީ ތަފާތު ތަޖުރިބާއެކެވެ. އޭނާ ވޮލްމާޓްގެ އެޕްލިކޭޝަނުން ބަލާފައިވާ އަދި އެޕްލިކޭޝަންގެ "ކާޓްއަށް" ލާފައި ހުރި ފަރުނީޗަރުތައް ގެއަށް އަންނަން ފެށީއެވެ.

މަދޫ ކުމާރަށް ބޮޑު ހައިރާން ކަމެއް ލިބުނު ކަމަކީ ގެއަށް އަންނަމުން ދިޔަ ފަރުނީޗަރު ތަކަކީ އޭނާ އޮންލައިންކޮށް ބަލައި އަދި ކާޓަށް ލާފައި ހުރި ތަކެތި ނަމަވެސް އެތަކެއްޗަށް އޭނާ ފައިސާ ނުދައްކަނީސް އެތަކެތި ލިބެން ފެށުމުންނެވެ. އެކަމާއި ހައިރާން ވެގެން މަދޫ ފުރަތަމަ ބެލީ ފޯނެވެ. ފޯނު ބެލިއިރު އޭނާގެ ފޯނުން ވަނީ ހުރިހާ ފަރުނީޗަރަކަށް ފައިސާ ދައްކާފައެވެ.

ގާތްގަނޑަކަށް 2000 އެމެރިކާ ޑޮލަރު (ދިވެހި ރުފިޔާ އިން ބަލާނަމަ ތިރީހަކަށް ހާސް ރުފިޔާ)ގެ ތަކެތި މަދޫ އަށް ނޭނގި އޭނާގެ ފޯނުން ވަނީ ގަނެފައެވެ.

ފުރަތަމަ މަދޫ ހީކުރީ އެކަން ކުރީ އޭނާގެ ފިރިމީހާ ކަމަށެވެ. ނަމަވެސް ފިރިމީހާ ޕްރަމޯދް އާއި ސުވާލު ކުރުމުން މަދޫގެ ފޯނުން އެއްވެސް އެއްޗެއް ނުގަންނަ ކަމަށް އޭނާ ވަނީ ބުނެފައެވެ. ދެން މަދޫ ސުވާލު ކުރީ އޭނާގެ ދޮށީ ދެދަރިން ކައިރީގައެވެ. ދެކުދިން ވެސް ވަނީ މަންމަގެ ފޯނުން އެފަދަ ކަމެއް ނުކުރާކަމަށް ބުނެފައެވެ.

"މައްސަލަ" އިތުރަށް ބަލައި "ތަހްގީގު ކުރުމުން" އެނގުނީ މަދޫގެ ފޯނުން ވޮލްމާޓް އެޕްލިކޭޝަން ބޭނުން ކޮށްގެން އެއެޕްލިކޭޝަންގެ ކާޓުގައި ހުރި ދެހާހެއްހައި ޑޮލަރުގެ ތަކެތި ގަނެފައި ވަނީ ދެއަހަރުގެ ދަރިފުޅު އަޔާންޝް ކަމެވެ.

މަދޫގެ ފޯނުން ގަތް ހުރިހާ ތަކެއްޗެއް މިހާރު ވަނީ އާއިލާއަށް ލިބިފައެވެ. އާއިލާ އިން ވަނީ ބައެއް ތަކެތި ބެހެއްޓުމަށް ފަހު އަނެއްބައި ތަކެތި އަނބުރާ ފޮނުވާލަން ނިންމާފައެވެ. އެއީ އެތަކެތީގެ ރިފަންޑް ހޯދުމަށްޓަކައެވެ.

މަދޫ އެމެރިކާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ ދަރިފުޅު އޭނާގެ ފޯނުން ގިނަ އަދަދެއްގެ ތަކެތި ގަނެފައި ވާތީ މިހާރު އެފަދަ ކަމެއް ދެން ނުވާނެ ގޮތް ހެދުމަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް ބައެއް މީހުންނަށް މިފަދަ ކަންކަން ދިމާވެގެން އެވާހަކަ މީޑިއާގައި ހިއްސާ ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު