ބޮލީވުޑުގެ ފަންނާނުންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ފަންނާނު ކަމުގައިވާ ކަންގަނާ ރަނައުތުއަށް މިހާތަނަށް ކައިވެނި ނުކުރެވުނު ސަބަބު ހާމަކޮށްފިއެވެ.

ކަންގަނާ ކައިވެނި ނުކުރެވޭ ސަބަބު ހާމަ ކޮށްފައިވަނީ އޭނާގެ އެންމެ ފަހުގެ ފިލްމު ''ދާކަތު'' ޕްރޮމޯޓް ކުރުމުގެ ތެރެއިން ސިދާތު ކަނާންއަށް ދިން އިންޓަވިއުއެއްގައެވެ.

އަސްލު ދިރިއުޅުމުގައި ވެސް ކަންގަނާގެ ދިރިއުޅުމަށް އަންނަ ފިރިހެނުންނަށް އޭނާގެ ބާރުގެ ބޭނުން ކުރަން ތޯއާއި އެއްވެސް ފިރިހެނަކާއި އެކު ނޫޅެވެނީ އެކަމުގެ ސަބަބުން ތޯ ސިދާތު ސުވާލު ކުރިއެވެ. އަދި ވަރަށް ގިނައިން މީހުން އެގޮތަށް ވާހަކަ ދައްކާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މި ސުވާލަށް ޖަވާބުދެމުން ކަންގަނާ ބުނެފައިވަނީ އޭނާއަށް ކައިވެނި ނުކުރެވިގެން އުޅެނީ އެހެންވެގެން ނޫން ކަމަށެވެ.

''އެހެންނެއް ނޫން ވަނީ. އަސްލު ދިރިއުޅުމުގަ އަހަރެން ކާކަށްތަ އަނިޔާ ކުރާނީ. އަހަރެންނަށް ކައިވެނި ނުކުރެވިގެން މި އުޅެނީ ތިޔަ މީހުން ތިގޮތަށް ފަތުރާ ދޮގު ވާހަކަ ތަކުގެ ސަބަބުން'' ކަންގަނާ ބުނެފައިވެއެވެ.

އިތުރަށް މިކަމާއި ބެހޭގޮތުން ވާހަކަ ދައްކަމުން ކަންގަނާ ބުނެފައިވަނީ އެފަދަ ދޮގު ވާހަކަތައް ފަތުރާ ފިރިހެނުންނަށް އަނިޔާ ކުރާ ކަމަށެވެ. ކަންގަނާ މިހެން ބުނެފައިވަނީ ލާނެތް ހިނިތުންވުމަކާއި އެކުގައެވެ.

ކަންގަނާއާއި އެކު މި އިންޓަވިއުގައި ބައިވެރިވި އަރުޖުން ރާމްޕާލް ބުނެފައިވަނީ ކަންގަނާ ރަނައުތުއަކީ ވަރަށް ރަނގަޅު މީހެއް ކަމަށާއި މީހުންނަށް ވަރަށް ހިތްހެޔޮ މީހެއް ކަމަށާއި އެހެންމީހުންނަށް އަޅާލާ އެހެން މީހުންނާއި މެދު ވިސްނާ އަދި ހަށިގަނޑަށް ވަރަށް ބޮޑަށް ސަމާލުކަން ދޭ މީހެއް ކަމަށެވެ.