އުފަންވިއިރު ވެސް ހިނިތުންވެފައިވާ ތުއްތު ކުއްޖަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.
އައިލާ ސަމާ މުޗާ އުފަންވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އައިލާ އުފަންވިއިރު ވެސް އޭނާގެ މޫނުމަތިން ހިނިތުންވުން ހުރުމާއި ގުޅިގެން ގިނަ ބަޔަކަށް ވަނީ ހައިރާން ކަމެއް ލިބިފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އައިލާ އުފަންވިއިރު، އޭނާ ވަނީ ބައިލެޓްރަލް މައިކްރޮސްޓޯމިއާ ޖެހިފައެވެ. މަދުން ނޫނީ ނުފެންނަ ބައިލެޓްރަލް މައިކްރޮސްޓޯމިއާގެ ސަބަބުން އަނގަޔަށް ބަދަލުތަކެއް އާދެއެވެ.
މިއާއި އެކީ އެކުއްޖާއަށް ދީފައިވާ ނަމަކީ "ދާއިމީ ހިނިތުންވުން" އެވެ. އަދި ކުއްޖާ ވަނީ އިންސްޓަގްރާމްގެ އިތުރުން ޓިކްޓޮކްގައި މަޝްހޫރުވެފައެވެ.
View this post on Instagram
އައިލާގެ މައިންބަފައިން ކަމުގައިވާ ކްރިސްޓީނާ ވާޗާ (21)، ބްލައިޒް މުޗާ (20) އަށް އެ ހަބަރު ދިން ޑޮކްޓަރު ބުނެފައިވަނީ އައިލާއަށް އެގޮތަށް ވެފައިވަނީ ބަނޑުގައި އޮތްއިރު ކަމަށެވެ.
އެކަމާއި ގުޅިގެން ވާޗާ ބުނެފައިވަނީ ބްލައިޒް އާއި އޭނާ އެއްވެސް ވަރަކަށް އެކަމާއި ނުވިސްނާ ކަމަށާއި އަދި ދުވަހަކު ވެސް އެފަދަ ހާލަތެއް ކުރިމަތިވި މީހަކާއ ދިމާ ނުވާ ކަމަށެވެ. އެހެން ކަމުން އެމީހުންނަށް ލިބުނީ ބޮޑު ޝޮކެއް ކަމަށް އެމީހުން ވަނީ ބުނެފައެވެ.
ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ދުނިޔޭގައި ބައިލެޓްރަލް މައިކްރޮސްޓޯމިއާ ޖެހިގެން ރިޕޯޓް ކޮށްފައިވަނީ 14 މީހެކެވެ. އަދި ޑޮކްޓަރުން ބުނާ ގޮތުގައި މިއީ މައިންބަފައިންގެ ފަރާތުން ދަރިފުޅަށް ދިމާވާ ހާލަތެއް ނޫނެވެ.