ސްޕެއިންއަށް ދަތުރުކުރާ ޔޫކޭ ފަތުރުވެރިން ދުވާލަކު 85 ޕައުންޑު ހަރަދުކުރުން މަޖުބޫރުކޮށްފިއެވެ.

ސްޕެއިންގެ ސަރުކާރުން ޔޫކޭއަށް އަލަށް ކަނޑައަޅާފައިވާ އުސޫލުގައި ބުނާގޮތުން ޔޫކޭއިން އެގައުމަށް އަންނަ ފަތުރުވެރިން ދުވާލަކު 85 ޕައުންޑު ހަރަދު ކުރަން މަޖޫބުރުވާއިރު، އެ އަދަދަށް ފައިސާ ދުވާލެއްގެ މައްޗަށް ހަރަދުކުރެވޭނެކަން ކުރީބައިގައި ޔަގީންވެސް ކޮށްދޭން ޖެހެއެވެ.

މިއާއެކު އާ ގަވައިދު ބުނާގޮތުން ޔޫކޭއިން ސްޕެއިންއަށް ދަތުރުކުރާ ފަތުރުވެރިން ދެކޮޅު ޓިކެޓާއެކު، ބުކްކުރާ ހޮޓަލުގެ މައުލޫމާތުވެސް ފުރުމުގެ ކުރިން ހިއްސާ ކުރަން ޖެހެއެވެ.

ސްޕެއިންގެ ސަރުކާރުގެ މި ނިންމުމަށް ޓްރެވެލް އެޖެންސީތަކުގެ ނުރުހުން އަމާޒު ކުރަމުން އަންނައިރު، އެ އެޖެންސީތަކުން ބުނެފައި ވަނީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޔޫކޭގެ ފަތުރުވެރިން ސްޕެއިންގެ ފަތުރުވެރިކަމުގެ ބޮޑުބައެއް ހިއްސާވާ ކަމަށެވެ.

މީގެ އިތުރުން ޔޫކޭގެ ގިނަ ފަތުރުވެރިން އަންނަނީ މިކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ސްޕެއިންގެ މި ނިންމުން އަނބުރާ ނެގުމަށް ގޮވާލަމުންނެވެ. އަދި މިއީ ބޭއިންސާފުން ނިންމި ނިންމުމެއް ކަމަށްވެސް އެ ފަތުރުވެރިން ބުނެއެވެ.

ޔޫކޭގެ ފަތުރުވެރިންނާއިމެދު ސްޕޭނުން މިފަދަ ފިޔަވަޅެއް އެޅިއިރު ކޮވިޑް-19 އާއި ގުޅިގެން ގައުމުތަކުން ފުރަބަންދު ކުރިއިރު ވެސް ވަކި ހާއްސަ ސިޔާސަތެއް ސްޕޭނުން ޔޫކޭގެ ފަތުރުވެރިންނާއި މެދު ގެންގުޅުނު ކަމަށް ބުނެ ފާޑުކިޔުން އަމާޒުވިއެވެ. އޭރު ޔޫކޭ އިން ސްޕޭނަށް ދަތުރުކުރާ މީހުން މާގިނަ ދުވަހު ކަރަންޓީން ކުރަން ޖެހުން ފަދަ ސިޔާސަތުތައް ސްޕޭނުން ގެންގުޅުނެވެ. އަދި ފަހުން ޔޫކޭ އިން ވެސް އެފަދަ ސިޔާސަތެއް ގެންގުޅުނެވެ.