ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު އޭނާގެ ޓޯކް ޝޯ ކޮފީ ވިތް ކަރަންގައި އާލިއާގެ ނަން މާގިނައިން ބޭނުން ކުރުމުން މީހުންގެ ފާޑު ކިއުން އަމާޒު ވެއްޖެ އެވެ.

ކޮފީ ވިތް ކަރަންގެ ތިން ވަނަ އެޕިސޯޓް މިހާރު ދައްކާފައިވާއިރު އެޕްރޮގްރާމްގައި ވެސް އާލިއާގެ ނަން ވަރަށް ގިނައިން ބޭނުންކޮށްފައިވާ ކަމަށް ބުނެ މީހުން ވަނީ ފާޑު ކިޔާފަ އެވެ.

އެގޮތުން މީހަކު ބުނެފައި ވަނީ އާލިއާގެ ނަންބުނާ ކޮންމެ ފަހަރަކު ޑްރިންކެއް ނަގަން ޖެހިއްޖެނަމަ މިހާރު އެމީހުން ތިބޭނީ އަމަލު ވެފައި ކަމަށެވެ.

އެހެންތަރިންވެސް އެ ޝޯގައި ފެންނައިރުގައި އާލިއާއަށް ކަރަން ޖޯހަރު މާބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމަށް ވެސް މީހުން ބުނެފައި ވެއެވެ.

މިކަމާއި ގުޅޭގޮތުން ކަރަން ބުނެފައި ވަނީ އާލިއާގެ ނަން އޭނާ ކިޔާތީ ދެރަވާކަށް ނުވާނެ ކަމަށެވެ. "އާލިއާ" އަކީ ވަރަށް ރީތި ނަމެއް ކަމަށާއި އޭނާ އެ ނަން އަބަދުވެސް ކިޔާނެ ކަމަށެވެ.

އާލިއާ ބޮލީވުޑަށް ނިކުތީ ކަރަން ޖޯހަރު ސްޓޫޑެންޓް އޮފް ދަ އިޔާ އިން ނެވެ. ކަރަން ބުނާ ގޮތުގައި އާލިއާ އަކީ އޭނާގެ ދަރިއެއް ކަހަލަ ކުއްޖެކެވެ.