ކުވެއިތުގެ ގައުމީ އެއާލައިން، ކުވެއިޓް އެއާވޭސްގެ ފްލައިޓެއް ތެރޭގައި މާބަނޑު އަންހެނަކު ވިހައިފިއެވެ.

އެގައުމުގެ ނޫހެއް ކަމަށްވާ "އަލް ގަބަސް" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިދިޔަ އަންގާރަ ދުވަހު އެއަންހެން މީހާ ދަރިފުޅު ވިހާފައިވަނީ އެގައުމުން ފުރައިގެން ފިލިޕިންސްގެ ވެރިރަށް މަނީލާއަށް ދަތުރުކުރުމަށް ހަމަޖެހުނު ފްލައިޓެއްގެ ތެރޭގައެވެ.

އެނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އަންހެން މީހާ ބޯޓަށް އެރިތާ މާގިނައިރުތަކެއް ނުވަނީސް ބަނޑުގައި ރިއްސަން ފެށިއެވެ. އެއާއި އެކީ ފްލައިޓުން ބޭލުމުގެ ބަދަލުގައި އޭގައި ތިބި ކެބިން ކްރޫއިން އެކަމަށް ބޭނުންވާ ތަކެތި ހިފައިގެން ގޮސް އަންހެން މީހާއަށް އެހީވެފައިވާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

އެނޫހުން ބުނީ އަންހެން މީހާ ވިހާފައިވަނީ އަންހެން ކުއްޖެއް ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ. އަދި އޭރު ފްލައިޓުގައި ތިބި ކްރޫއިން ވަނީ ކުއްޖާއާއި އެކީ ފޮޓޯ ވެސް ނަގާފައެވެ.

ކުވެއިތުގެ ފްލައިޓް ތެރޭގައި ވިހެއި ކުއްޖާ

ކުވެއިޓުގެ ފްލައިޓެއް ތެރޭގައި އަންހެނަކު ވިހާފައިވާއިރު، މިއީ ވަރަށް މަދުން ނަމަވެސް ހިނގާފަދަ ހާދިސާތަކެވެ. އެގޮތުން ބަލާއިރު، މީގެ ކުރިން އިންޑިގޯ ފްލައިޓެއް ތެރޭގަ އާއި ތުރުކީ ފްލައިޓުތައް ފަދަ ބޮޑެތި ފްލައިޓްތަކުގެ ތެރޭގައި އަންހެނުން ވަނީ ވިހާފައެވެ. މިފަދަ ގޮތަކަށް ވިހާފައިވާ ކުދިންނަށް އެކުދިން ވިހެއި އެއާލައިނުން އުމުރު ދުވަހު ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމުތައް ވެސް ބައެއް އެއާލައިންތަކުން ވަނީ ހަމަޖައްސާފައިކަން ފާހަގަ ކޮށްލެވެއެވެ.