ބޮލީވުޑުގެ އެކްޓަރު އަލީ ފަޒަލް އާއި ރިޗާ ޗައްޑާ މި އަހަރުގެ ސެޕްޓެމްބަރު ކައިވެނި ކުރުމަށް ތައްޔާރުވެއްޖެއެވެ.

ހަތް އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ރިޗާ އާއި ކައިވެނި ކުރުމަށް އަލީ ހުށަހަޅާފައިވަނީ 2019 ވަނަ އަހަރު ދެމީހުން އެއްކޮށް ކުޅުނު ފިލުމު ''ފުކްރޭ'' އަށް ފަހުއެވެ.

މީގެ ދެ އަހަރު ކުރިން، 2020 ވަނަ އަހަރު ކައިވެނި ކުރުމަށް ހުރިހާ ކަމެއް ރޭވިފައި ވީ ނަމަވެސް ކޮވިޑް 19 ގެ ސަބަބުން މި ދެ ފަންނާނުންގެ ކައިވެނި ފަސްކުރެވުނެވެ.

އަދި އެއަށް ފަހު މި އަހަރުގެ މާޗް މަހު ކައިވެނި ކުރުމަށް ތާވަލު ކުރެވުނު ނަމަވެސް އަނެއްކާ ވެސް ކައިވެނި ކުރާނެ މަހަށް މިވަނީ ބަދަލު އައިސްފައެވެ.

އެންމެ ފަހުގެ ރިޕޯޓްތަކުގައިވާ ގޮތުން މި ދެ ފަންނާނުންގެ ކައިވެނި ކުރުމަށް މިހާރު ހަމަޖެހިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

ރިޗާއާއި އަލީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އާއްމުންނަށް ހާމަކޮށްފައިވަނީ އަލީގެ ހޮލީވުޑު ފިލުމު ''ވިކްޓޯރިއާ އެންޑް އަބްދުލް'' އިފުތިތާހު ކުރުމަށް ވެނިސްގައި ބާއްވި ހަފުލާގެ ތެރެއިންނެވެ.

މި ހަފުލާގެ ރެޑް ކާޕެޓްގައި އަލީއާއި ރިޗާ ބައިވެރިވެފައިވަނީ ދެމީހުން ވެސް އަތުގައި ހިފައިގެންނެވެ.

އަލީގެ ފިލުމީ މަސައްކަތަށް ބަލާއިރު އޭނާ އެންމެ ފަހުން ފެނިފައިވަނީ ހޮލީވުޑުގެ ފިލުމު ''ޑެތު އިން ދަ ނައިލް'' އިން ޓޮމް ބޭޓްމޭންއާއި ގަލް ގަޑަތުއާއި އެކުގައެވެ.

ރިޗާ ގެ ފިލުމީ މަސައްކަތަށް ބަލާއިރު އޭނާ މިހާރު ދަނީ ފިލުމު ''ފުކްރޭ 3'' ގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު