ޓެޓޫ ޖެހުމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އާންމު ކަމެކެވެ. މިފަދަ ޓެޓޫ ޖަހާ މީހުންނަށް އެ ޖަހަން ޖެހޭ ގޮތަށް ނޫން އެހެން ގޮތަކަށް ޖަހައިފިނަމަ، މީހާގެ ހަށިގަނޑު އިންފެކްޓްވެ، ފުރާނައަށް ނުރައްކާވާ ހިސާބަށް ދާ ކަމީ ވެސް ނޭނގޭ ވާހަކައެކެވެ.

މިއީ އެފަދަ ގޮތަކަށް ޓެޓޫ ޖަހައިގެން ނުރައްކާތެރި ބައްޔެއް ކަމަށްވާ އެޗްއައިވީ ޖެހުނު ދެމީހުންގެ ވާހަކައެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ދިރިއުޅެމުން އަންނަ އެ ދެމީހުންނަށް އެޗްއައިވީ ޖެހިފައިވަނީ އަގުހެޔޮކޮށް ޓެޓޫ ޖަހަން ހަދައިގެންނެވެ.

ޕަންޑިތު ދީނުދަޔާލް އަޕަދިޔާ ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ ޕްރިތީ އަގަރްވާލް ބުނާ ގޮތުގައި، ފަރުވާތެރިކަމާއެކު ދިރާސާކުރުމުން އެނގިފައިވާ ގޮތުގައި އެޗްއައިވީ ޖެހިފައިވާ ގިނަ މީހުންގެ ގައިގައި ޓެޓޫތަކެއް ޖެހި، އޭގެ ފަހުން އެމީހުންގެ ސިއްހަތު ގޯސްވާން ފެށިއެވެ. މި މައްސަލައިގެ އިތުރު ތަހުގީގު މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

ޓެޓޫ ޖަހައިގެން ބަލިވި 14 މީހުންގެ ތެރޭގައި ބަރަގާއޮންއަށް ނިސްބަތްވާ 20 އަހަރުގެ ފިރިހެނަކާއި ނަގްމާއަށް ނިސްބަތްވާ 25 އަހަރުގެ އަންހެނަކު ހިމެނެއެވެ. އެމީހުން ބަލިވުމާއި ގުޅިގެން ޑޮކްޓަރުންގެ ޓީމުން ވަނީ އެކި ކަހަލަ ޓެސްޓްތައް ހަދާފައެވެ. ނަމަވެސް އެމީހުން ހަމައެކަނި ފައްސިވެފައިވާ ކަމަށް ދައްކާފައިވަނީ އެޗްއައިވީއަށް ކަމަށް ވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ.

އެޗްއައިވީއަށް އެމީހުން ފައްސިވުމާ ގުޅިގެން އިތުރު ތަހުލީލުތަކެއް ޑޮކްޓަރުން ވަނީ ހަދާފައެވެ. ނަމަވެސް ނަތީޖާތަކުން އެނގިފައިވަނީ އެމީހުންނަށް އެޗްއައިވީ ޖެހިފައިވަނީ ޖިންސީ ގުޅުމެއް ހިންގައިގެން ނޫން ކަމެވެ. ނުވަތަ ޖެހިފައިވާ މީހެއްގެ ލޭގެ ޒަރިއްޔާއިން ނޫން ކަމެވެ.

އެންމެ ފަހުން ޑޮކްޓަރުން ބެލި ބެލުމުން އެނގިފައިވާ ގޮތުގައި އެމީހުންނަށް އެޗްއައިވީ ޖެހިފައިވަނީ އެތައް ބައެއްގެ ގަޔަށް ޓެޓޫ ޖަހާފައިވާ ކަށި ބޭނުން ކުރުމުގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު