ބޮލީވުޑުގެ ސުޕަރ ސްޓަރ އާމިރު ޚާނާއި ސޯސަލް މީޑިއާ އިންފުލުއެންސާ ފައިސަލް ޝެއިޚްގެ ވީޑިއޯއެއް ވަނީ މީޑިއާގައި ހިއްސާ ކޮށްފައެވެ. މި ވީޑިއޯއިން ގެނުވައިދެނީ މީގެ 28 އަހަރު ކުރީގެ ހަނދާންތަކެކެވެ.

އާމިރު ޚާންގެ ފިލުމު ''ލާލް ސިންގް ޗައްޑާ'' ގެ ޕްރޮމޯޝަންގައި ޓިކްޓޮކުގެ ބައެއް ތަރިންނާއި އެކު ވަނީ ވީޑިއޯ ހަދާފައެވެ. މިގޮތުން ވިޝާލް ޕާންޑޭ، އަދުނާން ޝެއިޚް އަދި ފައިސަލް ޝެއިޚް ފަދަ ތަރިން ހިމެނެއެވެ.

މި ވީޑިއޯތަކުގެ ތެރެއިން ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔައީ އާމިރު ޚާނާއި ފައިސަލްގެ ވީޑިއޯއަށެވެ. މިވީޑިއޯއިން ފެނިގެން ދިޔައީ 1994 ވަނަ އަހަރުގެ މަޝްހޫރު ފިލުމު ''އަންދާޒް އަޕްނާ އަޕްނާ'' ގެ ސީންއެކެވެ.

މި ފިލުމަކީ މިހާރު ވެސް ވަރަށް ގިނަ ބަޔަކަށް ކަމުދާ ފިލުމެކެވެ.

މި ފިލުމުގައި ބަހެއްގެ ތެރެއިން އާމިރު ޚާނާއި ސަލްމާން ޚާން އެންމެ ފުރަތަމަ ދިމާވެ، އެ ދެމީހުންގެ ދެމެދުގައި ދެކެވޭ ވާހަކަތަކަށް ފައިސަލްއާއި އާމިރު ޚާން އެކްޓް ކޮށްފައިވެއެވެ.

20 މިލިއަން ފޮލޯވަރުން ހިމެނޭ ފައިސަލްގެ އިންސްޓަގުރާމުގައި އެކައުންޓުގައި މި ވީޑިއޯ ހިއްސާކޮށް ބުނެފައިވަނީ ކަންތައްވެގެން ދިޔައީ ޕްރޭމްއާއި އަމަރުގެ ދެމެދުގައި ކަންތައް ހިނގާ ދިޔަ ގޮތަށެވެ.

އަދި އާމިރު ޚާނާއި އެކު ވީޑިއޯއެއް ހަދަން ލިބުމުން ފައިސަލްއަށް ކުރެވުނު އިހުސާސްތައް ބަޔާން ކޮށްދޭން އުދަނގޫ ކަމަށާއި އާމިރު ޚާނަކީ އޭނާއަށް ނަމޫނާ އެކްޓަރެއް ކަމަށް ވެސް ބުނެފައިވެއެވެ.

''ޚަތުރޯންކީ ކިލާޅީ'' ގެ 12 ވަނަ ސީޒަންގައި ބައިވެރިވެ ފައިސަލް ވަނީ އިންޑިއާގެ ޓެލެވިޒަން އިންޑަސްޓްރީއާ ގުޅިފައެވެ.