ސަލްމާން ޚާން ހުށަހަޅައިދޭ ބިގް ބޮސް ޝޯގެ 15 ވަނަ ސީޒަންއިން ލޯބީގެ ގޮތުން ގުޅިފައިވާ ކަރަން ކުންދުރާއާއި ތޭޖަޝްވީ ޕްރަކާޝް ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށް ބުނެފިއެވެ.

ތޭޖަސްވީއާއި ކަރަންގެ ޖޯޑަކީ ވަރަށް ގިނަ ބަޔަކަށް ކަމުދާ ޖޯޑެކެވެ. މި ދެ ފަންނާނުން ކައިވެނީގެ ގޮތުން ގުޅޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބި ސަޕޯޓަރުންނަށް ކަރަން ދިނީ އުފާވެރި ޚަބަރެކެވެ.

ކަރަންއާއި ތޭޖަސްވީ ކައިވެނި ކުރަނީ ކޮންއިރަކުތޯ ''ފިލުމީ މިރުޗީ'' އިން ކުރި ސުވާލަށް ޖަވާބުދެމުން ކަރަން ބުނެފައިވަނީ ވަރަށް އަވަހަށް ކައިވެނި ކުރެވޭނެ ކަމަށެވެ.

''ވަރަށް އަވަހަށް ކައިވެނި ކުރެވޭނެ. ހުރިހާ ކަމެއް ވެސް ދަނީ ރަނގަޅަށް. ވަރަށް ފުރިހަމަކޮށް. އަހަރެން ވެސް ތައްޔާރު. ތޭޖަސްވީ ތައްޔާރު. ޣާޒީ ވެސް ތައްޔާރު'' ކަރަން ބުނެފައިވެއެވެ.

މީގެއިތުރުން ކަރަން ބުނެފައިވަނީ އެދެމީހުންގެ ކައިވެނި ލަސްވަމުންދަނީ ތޭޖަސްވީގެ ސަބަބުން ކަމަށެވެ.

ކަރަންއާއި ކައިވެނިކޮށް ދިރިއުޅުމެއް ފެށުމުގެ ކުރިން ކެރިއަރއިން ތޭޖަސްވީ ހާސިލު ކުރަން ބޭނުންވާ ގޯލު ތަކެއް ހުރި ކަމަށާއި ތޭޖަސްވީގެ އެ ގޯލުތައް ހާސިލު ކުރުމަށް ކަރަން އެހީތެރިވެދޭނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ކަރަންއާއި ތޭޖަސްވީ އެންމެ ފަހުން ދެނިފައިވަނީ ދެމީހުން އެކުގައި ކުޅުނު ވީޑިއޯ ލަވަ ''ބާރިޝް އާއީ ހޭ'' އިންނެވެ. ކަރަންގެ ކުރިއަށް އޮތް ޕްރޮޖެކްޓްގެ ނަން އަދި ހާމަނުކުރެއެވެ. އަދި ތޭޖަސްވީ ދަނީ މިހާރު ވެސް އިންޑިއަން ޓެލްވިޒަންގެ ޑުރާމާ އެއްކަމުގައިވާ ''ނާގިން 6'' ގައި މަސައްކަތް ކުރަމުންނެވެ.