ވިޖޭ ދެވަރަކޮންޑާ އާ ލޯބީގެ ގޮތުން ގުޅެން ބޭނުންވާ ކަމަށް ސާރާ އަލީ ޚާން ބުނެފިއެވެ.

ކަރަން ޖޯހަރް ހުށަހަޅައިދޭ ޝޯ ''ކޮފީ ވިތު ކަރަން'' ގެ ހަތް ވަނަ ސީޒަންގައި ސާރާ އާއި ޖާންވީ ބައިވެރިވި އެޕިސޯޑުގައި ސާރާ ބުނެފައިވަނީ މީހަކާ އެކުގައި ލޯބީގެ ގޮތުން ގުޅެން ބޭނުންވާ ކަމަށެވެ.

ސާރާ ލޯބީގެ ގޮތުން ގުޅެން ބޭނުންވަނީ ކާކާ ތޯ ސުވާލު ކުރުމުން ސާރާ ބުނެފައިވަނީ އެ މީހަކީ ވިޖޭ ދެވަރަކޮންޑާ ކަމަށެވެ.

ސާރާ އަލީ ޚާންގެ މިހެން ބުނުމުން އެކަމާ މެދު ވިޖޭގެ ބަހަކީ ކޮބައިތޯ އީޓައިމްސްއިން ސުވާލު ކުރުމުން ވިޖޭ ބުނެފައިވަނީ އޭނާއަކީ ސާރާއަށް ވުރެ މޮޅު އެކްޓަރެއް ކަމަށެވެ.

''އޯކޭ. އެކަމަކު އަހަރެންނަކީ ސާރާއަށް ވުރެ މޮޅު އެކްޓަރެއް. އަހަރެން ސާރާއަށް މެސެޖު ކޮށްފަ ބުނިން، ސާރާ އެހެން ބުނީ ސާރާގެ ރަނގަޅު ކަމުން ކަމަށް'' ވިޖޭ ބުނެފައިވެއެވެ.

ސާރާއާ ލޯބީގެ ގޮތުން ގުޅެން ބޭނުންވޭތޯ ވިޖޭއާއި ސުވާލު ކުރެވުމުން އޭނާ ބުނީ ''ރިލޭޝަންޝިޕް'' އެ ލަފުޒު ކިޔަން ވެސް އުނދަގޫ ކަމަށެވެ. އެހެންވެ އެކަން ކުރާނީ ކިހިނެއްތޯ ސުވާލު އުފެއްދިއެވެ.

ވިޖޭއާއި ރަޝްމިކާ މަންޑަނާއާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް ވިޖޭއާއި ރަޝްމިކާ ވަނީ އެކަން ދޮގު ކޮށްފައެވެ.

ވިޖޭގެ ފިލުމީ މަސައްކަތަށް ބަލާއިރު އޭނާ މިހާރު ދަނީ ކުރިއަށް އޮތް ފިލުމު ''ލިގާ'' ޕްރޮމޯޓް ކުރަމުންނެވެ. މި ފިލުމު އެޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.