ބޮލީވުޑުގެ ''ކިލާޅީ'' އެކްޓަރ އަކްޝޭ ކުމާރުގެ ފަނަރަވަރަކަށް ފިލުމު ނާކާމިޔާބު ވުމަށް ފަހު އިންޑިއާ ދޫކޮށް ކެނެޑާއަށް ދާން ބޭނުންވި ކަމަށް އަކްޝޭ ބުނެފިއެވެ.

އަކްޝޭ މިހެން ބުނެފައިވަނީ އޭނާގެ އަތުގައި ކެނެޑިއަން ޕާސްޕޯޓެއް އޮންނަ ކަމަށް ބުނެ ގިނަ ބަޔަކު އޭނާއަށް ފާޑުކިޔުމާއި ގުޅިގެންނެވެ.

''މީގެ އަހަރުތަކެއް ކުރިން އަހަރެންނަކަށް ރަނގަޅު ފިލުމެއް ނުކުޅެވޭ. 14-15 ވަރަކަށް ފިލުމު ނާކާމިޔުބާވުމުން އަހަރެން ހިތަށް އެރި އެހެން ގައުމަކަށް ބަދަލުވެ އެތަނުގައި މަސައްކަތް ކުރަން ވެސް. ވަރަށް ގިނަ މީހުން މަސައްކަތް ކުރުމަށް ކެނެޑާއަށް ބަދަލުވޭ. އިންޑިއާގައި އަހަރެންނަށް ކާމިޔާބު ނުލިބޭނަމަ ކެނެޑާއަށް ގޮސް މަސައްކަތް ކޮށްގެން ކާމިޔާބު ހޯދުމަށް ހިތަށް އެރި. އެހެންވެ އަހަރެން އެތަނަށް ގޮސް އެތާނގެ ޕާސްޕޯޓަށް ހުށަހެޅީ'' ލަލަންޓޮޕްއަށް ދިން އިންޓަވިއުއެއްގައި އަކްޝޭ ބުނެފައިވެއެވެ.

ކެނެޑިއަން ޕާސްޕޯޓެއް އޮތްކަމަށް ބުނެ މީހުން ފާޑުކިޔާފައިވީ ނަމަވެސް މީގެ ކުރިން މިކަމާ ގުޅިގެން އަކްޝޭ އެއްވެސް އެއްޗެއް ނުބުނެއެވެ.

ނަމަވެސް މި އިންޓަވިއުގައި އަކްޝޭ އަތުގައި ކެނެޑިއަން ޕާސްޕޯޓެއް އޮތްކަމަށް ވަނީ އެއްބަސްވެފައެވެ. ކެނެޑާގެ ޕާސްޕޯޓެއް އޮތުމަކީ އޭނާ އިންޑިއާގެ ރައްޔިތަކަށް ނުވާންވީ ސަބަބެއް ނޫން ކަމަށާއި ޕާސްޕޯޓަކީ އެއްގައުމުން އަނެއް ގައުމަށް ދަތުރު ކުރަން ބޭނުންކުރާ އެއްޗެއްކަމަށް ވެސް އަކްޝޭ ބުނެފައިވެއެވެ.

ކެނެޑާގެ ޕާސްޕޯޓެއް އޮތް ނަމަވެސް އޭނާ މަސައްކަތް ކުރަނީ އިންޑިއާގައި ކަމަށާއި ޓެކްސް ދައްކަނީ ވެސް އިންޑިއާއަށް ކަމަށާއި އޭނާއަކީ އިންޑިއާގެ ރައްޔިތެއް ކަމަށް ވެސް ބުނެފައިވެއެވެ.

ބައެއް މީހުން އަކްޝޭއަށް ''ކެނެޑާ ކުމާރު'' ގެ ނަމުން މުހާތަބު ކުރާ ކަމަށް ''ކޮފީ ވިތު ކަރަން'' ގެ ހަތްވަނަ ސީޒަންގައި އަކްޝޭ ބުނެފައިވެއެވެ.