ސައުދީ އަރަބިއްޔާގައި ސޯޝަލް މީޑިއާ އިންފްލުއެންސަރުން ލައިސެންސް ނަގަން ޖެހޭ ގޮތަށް ހަދަން ނިންމައިފި އެވެ.

އެއާއެކު އަންނަ އޮކްޓޫބަރު މަހުން ފެށިގެން ލައިސަންސް ނެތި ސޯޝަލް މީޑިއާ އިންފްލުއެންސަރުންނަށް އެއްވެސް ކަހަލަ އިޝްތިހާރެއް މީސް މީޑިއާގައި ހިއްސާއެއް ނުކުރެވޭނެ އެވެ.

އެ ލައިސެންސް ދޫކުރަނީ 4000 ޑޮލަރަށް ތިން އަހަރު ދުވަހަށެވެ.

ލައިސަންސް ދޫކުރާނީ ހަމައެކަނި ސައުދީގެ ރައްޔިތުންނަށް އެކަންޏެވެ. އެ ގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންނަށް އެ ލައިސެންސް ނުދޭނެ އެވެ. އެއީ ސައުދީގެ ގަވައިދު ބުނާގޮތުން އެ ގައުމުގައި ދިރިއުޅޭ މީހުންނަށް އަދާކުރެވޭނީ އެންމެ ވަޒީފާއެއް ކަމަށްވާތީ އެވެ.

އޭގެ އިތުރުން އެހެން ގައުމެއްގެ މީހަކު ސައުދީގެ އެޑްވަޓައިޒިން އޭޖެންސީއަކާއެކު މަސައްކަތް ކުރަން ބޭނުންނަމަ ހޯދަން ޖެހޭނީ އެހެން ލައިސެންސެކެވެ. އެއީ އިންވެސްޓްމަންޓް ލައިސެންސް ކިޔާ ލައިސެންސެކެވެ.

ސޯޝަލް މީޑީއާ އިންފްލުއެންސަރުން ލައިސެންސް ނެތި މަސައްކަތް ކޮށްފިނަމަ 1.3 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރު ދުވަހަށް ޖަލަށް ލެވިދާނެ އެވެ.

ލައިސެންސް ނަގަން ޖެހޭ ގޮތަށް ހެދުމުން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި މިއީ ސެންސާޝިޕްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން ނެވެ.

ސައުދީ އަރަބިއްޔާގައި މީޑިއާތައް މިހާރުވެސް އޮންނަނީ ކޮންޓްރޯލް ކޮށްފަ އެވެ. އަދި ސަރުކާރާ ދެކޮޅަށް ބަހެއް ބުނެފި ނަމަ ޖަލަށް ލައެވެ.

ކިޔުންތެރިންގެ ހިޔާލު