އެޕަލް އިން އައިފޯނަށް ހާއްސަކޮށްގެން ބާއްވާ ހާއްސަ އިވެންޓެއް އަންނަ ސެޕްޓެމްބަރ މަހުގެ 07 ވަނަ ދުވަހު ބާއްވާނެކަން އެޕަލް އިން ކަށަވަރު ކޮށްދީފިއެވެ. މިއިވެންޓްގެ ދައުވަތު މިހާރު ވަނީ މީޑިއާތަކަށް ވެސް ފޮނުވާފައެވެ.

އެޕަލްގެ ހާއްސަ އިވެންޓްގައި އައިފޯން-14 ދައްކާލާނެކަން އަދި ކަށަވަރުކޮށް ނުދިން ނަމަވެސް މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އެއިވެންޓްގައި އައިފޯން-14 އާއި އަދި އެޕަލް ވޮޗް ސީރީޒްގެ އާގަޑި ކަމަށްވާ އެޕަލް ވޮޗް ސީރީޒް-8 ދައްކާލާނެއެވެ.

އެޕަލް އިން އަންނަ މަހު ބާއްވާ ހާއްސަ އިވެންޓްގެ ތީމެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ "ފާ އައުޓް" އެވެ. މިތީމަށް ބަލާއިރު އެންމެ ބޮޑަށް ބެލެވެނީ އެޕަލް އިން އަލަށް ނެރޭ ފޯނަކީ ކެމެރާއަށް ހާއްސަ ސަމާލުކަމެއް ދީފައިވާ ފޯނަކަށް ވުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެއީ ވަރަށް ދުރުން ރީތި ފޮޓޯތައް ނަގަން ފޯނަށް ބޮޑު ކުރިއެރުމެއް ގެނެސްފައިވާ ކަމުގެ ހެއްކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެކަން މުޅިން ކަށަވަރު ވާނީ އެޕަލް އިން އައިފޯން-14 ދައްކާލުމުންނެވެ.

އެޕަލްގެ އުފެއްދުންތަކާއި ގުޅޭ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނާ ގޮތުގައި މިއަހަރު ވެސް އެޕަލް އިން އައިފޯން-14 އާއި އައިފޯން-14 ޕްރޯ އަދި އައިފޯން ޕްރޯ-14 މެކްސް ނެރޭނެ ކަމަށް ބެލެވެއެވެ. އޭގެ އިތުރުން އެތުލީޓުންނަށް ހާއްސަކޮށް އެޕަލް ވޮޗް ސީރީޒް-8 ޕްރޯ ވާޝަނެއް ވެސް ނެރުން އެކަށީގެންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އަގުހެޔޮ އައިފޯނެއްގެ ގޮތުގައި އައިފޯން މިނީ އެއް ވެސް ނެރުން ގާތް ކަމަށް ބުނެވެއެވެ.

އެޕަލްގެ އިވެންޓް މިފަހަރު ވެސް އޮންނާނީ އެޕަލްގެ މައި އޮފީސް ކަމަށްވާ އެޕަލް ޕާކް ގައެވެ.