މެކްސިކޯގައި ޑޮކްޓަރުންނަށް އޮޅިގެން މަރުވި ކަމަށް ނިންމި އުމުރުން ތިން އަހަރުގެ އަންހެން ކުއްޖެއްގެ ޖަނާޒާ ކުރިއަށް ދަނިކޮށް ހޭއަރައިފިއެވެ.

މިކަން ހިނގާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

ކާމިލާ ރޮކްސާނާ މާޓިނޭޒް މެންޑޯޒާ ނަމަށް ކިޔާ އެ އަންހެން ކުއްޖާގެ މަންމަ ވަނީ އެ ކުއްޖާ މަރުވީ ކަމަށް އެ ހޮސްޕިޓަލުން ބުނުމުން އިހުމާލުވި ކަމަށް ތުހުމަތުކޮށްފައެވެ.

ވިލާ ޑީ ރަމޯސްގައި ދިރިއުޅެމުންދާ އެ އާއިލާއިން އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ބަނޑުގައި ރިއްސުމާއި، ބޮލުގައި ރިއްސުމާއި، ހުން އައުން ފަދަ ކަންތައްތައް ކުރިމަތިވެގެންނެވެ.

އެ ސަރަހައްދުގެ ކުޑަކުދިންގެ ޑޮކްޓަރު އެ އަންހެން ކުއްޖާގެ މަންމަ މޭރީ ޖޭން މެންޑޯޒާ އަށް އެންގީ އޭނާ ބޮޑު ހޮސްޕިޓަލަކަށް ގެންދާށެވެ އެކަމަކުއެ ޑޮކްޓަރު ވަނީ ތިން އަހަރުގެ ކުއްޖާއަށް ބޭސްގެ ގޮތުގައި ޕެރަސެޓަމޯލް ދީފައެވެ.

އެލް ޔުނިވާސަލް އަށް މައުލޫމާތު ދެމުން މަންމަ ބުނީ ކެމީލާގެ ހާލު ދެރަވަމުން ދިޔުމުން ފަހުން އޭނާ އެހެން ޑޮކްޓަރަކަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ޑޮކްޓަރު ތަފާތު ބޭހެއް ލިޔެދީފައި ކުޑަކުއްޖާއަށް މޭވާ އާއި ފެން ދިނުމަށް މަންމަ ގާތު އެދުނު ކަމަށް ބުންޏެވެ.

ނަމަވެސް އޭނާގެ ހާލަތު ރަނގަޅު ނުވާތީ އޭގެ ފަހުން އާއިލާއިން ވަނީ އެ އަންހެން ކުއްޖާ ހޮސްޕިޓަލެއްގެ އިމަޖެންސީ އަށް ގެންގޮސްފައެވެ.

އެތަނުން އެ ކުއްޖާއަށް އޮކްސިޖަން ދޭންވެސް 10 މިނިޓް ނެގި ކަމަށް އާއިލާއިން ބުނެފައި ވެއެވެ. ނަމަވެސް ފަހުން އޭތި ނެގުމަށްފަހު ޑޮކްޓަރު ވަނީ އެ ކުއްޖާ މަރުވި ކަމަށް ނިންމާފައެވެ. އަދި މަރުވީ "ޑީހައިޑްރޭޓް" ވެގެން ކަަމަށް ވަނީ ނިންމާފައެވެ.

އަދި އެ ކުއްޖާގެ ޖަނާޒާގެ ކަންކަން އޭގެ އަނެއް ދުވަހު ކުރިއަށް ދަނިކޮށް، އެ ކުއްޖާގެ ލޯ ހަރަކާތް ކުރާ ތަން މާމައަށް ފެނުނެވެ. އަދި އެ ކުއްޖާގެ ވިންދު ހުރިކަންވެސް އެނގުނެވެ.

އަދި ވަގުތުން އެ ކުއްޖާ ހޮސްޕިޓަލަށް އެމާޖެންސީގައި ގެންދިޔައިރު، ފަހުން ވަނީ އަނެއްކަވެސް އެ ކުއްޖާ މަރުވި ކަމަށް ކަނޑަައަޅާފައެވެ.