ދާދި ފަހުން މަރުވި "ބިގް ބޮސް" ގެ 14 ވަނަ ސީޒަންގައި ވާދަ ކުރި އިންޑިއާގެ ބީޖޭޕީގެ ލީޑަރެއް ކަމަށްވާ ސޮނާލީ ޕޯގަޓް ރޭޕް ވެސް ކޮށްފައިވާ ކަމަށް އޭނާގެ އާއިލާއިން ތުހުމަތު ކޮށްފިއެވެ.

ސޮނާލީގެ މަރާއި ގުޅިގެން ގޯއާގެ ފުލުހުން ބޮޑު ތަހުގީގެއް ފަށާފައިވާއިރު، އެންމެ ފަހުން ހާމަ ކޮށްފައިވާ މައުލޫމާތުން އެނގިގެން ދަނީ ސޮނާލީ މަރާލީ އޭނާ ބުއި ފެންތައްޓަށް ކޮންމެ ވެސް ކަހަލަ ބޭހެއް އަޅައިގެން ކަމަށެވެ. އަދި އެކަމަށް ސުދީރް ސަންވަން އަދި ސުކްވިންދަރ ސިންގ އެއްބަސް ވެފައިވާ ކަމަށް ވެސް ގޯއާގެ ފުލުހުން ވަނީ ބުނެފައެވެ.

ރައްޓެހިންނާއެކު ގޯއާއަށް ގޮސް އުޅެނިކޮށް މަރުވި ސޮނާލީގެ އޮޓޮޕްސީ ހަދާފައިވާއިރު، އޭނާގެ ހަށިގަނޑުން "އަނިޔާގެ ނިޝާންތައް" ފެންނަން ހުރި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެހެން ކަމުން ގިނަ ބަޔަކު އަންނަނީ މިމައްސަލަ އާއި ގުޅިގެން ހައްޔަރު ކޮށްފައި ތިބި މީހުން، ސޮނާލީ ގަސްތުގައި މަރާލީ ކަމަށް ބުނަމުންނެވެ.

ސޮނާލީގެ މަރާއި ގުޅިގެން އޭނާގެ އާއިލާއިން ބުނެފައިވަނީ އެފަދަ ކަމެއް ކުރާއިރު، ރޭޕް ވެސް ކުރާނެ ކަމަށެވެ. ނަމަވެސް މިކަމާއި ގުޅިގެން ގޯއާގެ ފުލުހުން އަދި ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ.

އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީއާއި އެކީ ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދިޔަ ސޮނާލީ އަކީ 2008 ވަނަ އަހަރުން ފެށިގެން އެ ޕާޓީގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ އަކީ "ބިގް ބޮސް 14' ގައި އުޅުނު ޒުވާން ޓީވީ އެކްޓަރު އަލީ ގޯނީ އަށް ހިތްކިޔައިގެން ގިނަ ބައެއްގެ މެދުގައި މަޝްހޫރުވެފައިވާ މީހެކެވެ.