ދާދި ފަހުން މަރުވި "ބިގް ބޮސް" ގެ 14 ވަނަ ސީޒަންގައި ވާދަ ކުރި އިންޑިއާގެ ބީޖޭޕީގެ ލީޑަރެއް ކަމަށްވާ ސޮނާލީ ޕޯގަޓްގެ މަރާއި ގުޅިގެން މަސްތުވާތަކެތި ވިއްކާ މީހަކާއި އިތުރު މީހަކު ހައްޔަރު ކޮށްފިއެވެ.

ސޮނާލީގެ މަރާއި ގުޅިގެން ގޯއާގެ ފުލުހުން ބޮޑު ތަހުގީގެއް ފަށާފައިވާއިރު، އިއްޔެ ހާމަ ކޮށްފައިވާ މައުލޫމާތުން އެނގިގެން ދަނީ ސޮނާލީ މަރާލީ އޭނާ ބުއި ފެންތައްޓަށް ކޮންމެ ވެސް ކަހަލަ ބޭހެއް އަޅައިގެން ކަމަށެވެ. އަދި ސޮނާލީގެ މަރާއި ގުޅިގެން އޭނާ އާއި އެކީ ގޯއާގެ ކްލަބަކަށް ދިޔަ ދެ ފިރިހެނަކު ވެސް ވަނީ ހައްޔަރު ކޮށްފައެވެ.

ސޮނާލީގެ މަރާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އިތުރު ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޑްރަގް ޑީލަރަކާއި ސޮނާލީ ދިޔަ ކްލަބްގެ ވެރި ފަރާތުން ކަމަށް ފުލުހުން ބުނެއެވެ.

ރައްޓެހިންނާއެކު ގޯއާއަށް ގޮސް އުޅެނިކޮށް މަރުވި ސޮނާލީގެ އޮޓޮޕްސީ ހަދާފައިވާއިރު، އޭނާގެ ހަށިގަނޑުން "އަނިޔާގެ ނިޝާންތައް" ފެންނަން ހުރި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެހެން ކަމުން ގިނަ ބަޔަކު އަންނަނީ މިމައްސަލަ އާއި ގުޅިގެން ހައްޔަރު ކޮށްފައި ތިބި މީހުން، ސޮނާލީ ގަސްތުގައި މަރާލީ ކަމަށް ބުނަމުންނެވެ.

ސޮނާލީގެ މަރާއި ގުޅިގެން ކުރިން ހައްޔަރު ކޮށްފައިވާ ދެ މީހުންގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު، ފަހުން ހައްޔަރު ކުރި މީހުންގެ ބަންދާއި މެދު މިއަދު ގޮތެއް ނިންމާނެއެވެ.

އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީއާއި އެކީ ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދިޔަ ސޮނާލީ އަކީ 2008 ވަނަ އަހަރުން ފެށިގެން އެ ޕާޓީގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ އަކީ "ބިގް ބޮސް 14' ގައި އުޅުނު ޒުވާން ޓީވީ އެކްޓަރު އަލީ ގޯނީ އަށް ހިތްކިޔައިގެން ގިނަ ބައެއްގެ މެދުގައި މަޝްހޫރުވެފައިވާ މީހެކެވެ.