ދެކުނު ކޮރެޔާގެ ކޭ-ޕޮޕް ގުރޫޕުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ދެ ގުރޫޕު ކަމުގައިވާ ބީޓީއެސްއާއި ބްލެކްޕިންކްގެ ދެ ފަންނާނެއް އެކުގައި ނަގާފައިވާ ގިނަ ފޮޓޯތަކެއް މީޑިއާގައި ލީކުވެއްޖެއެވެ.

ބީޓީއެސްގެ ވީއާއި ބްލެކްޕިންކްގެ ޖެނީ އެކުގައި ނަގާފައިވާ ގިނަ ފޮޓޯތަކެއް މީޑިއާގައި ލީކުވެ އެ ދެ ފަންނާނުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް މިހާރު ވަނީ ފެތުރިފައެވެ.

ގުރުމީ ހަރިބޯގެ ނަމުގައިވާ ޓުވިޓާ އެކައުންޓަކުން މި ދެމީހުން އެކުގައި ނަގާފައިވާ ގިނަ ފޮޓޯތަކެއް ދަނީ ހިއްސާ ކުރަމުންނެވެ. އަދި އެ ދެމީހުންގެ ގައިގޯޅި ފޮޓޯތަކެއް ހުރިކަމަށް ވެސް ބުނެފައިވެއެވެ.

ވީއާއި ޖެނީގެ ސަޕޯޓަރުން އެއީ އެޑިޓް ފޮޓޯތަކެއް ކަމުގައި ގަބޫލު ކުރި ނަމަވެސް ބައެއް ފަރާތްތަކުން އެއީ އަސްލު ކަމަށް ގަބޫލު ކޮށްފައިވެއެވެ.

މި ފޮޓޯތައް މީޑިއާގައި އާއްމުވެ، ގިނަ ދުވަސްތަކެއް ވަމުންދާއިރު ވެސް ވީއާއި ޖެނީ އަދި އެ ދެމީހުންގެ އެޖެންސީއިން ވެސް އެއްވެސް އެއްޗެއް ނުބުނެއެވެ.

ވީއާއި ޖެނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް މީގެ ކުރިން ވެސް ވަނީ ފެތުރިފައެވެ. ނަމަވެސް އެއީ ދޮގު ޚަބަރުތަކެއް ކަމަށް އެޖެންސީއިން ބުނެފައިވެއެވެ.

ނަމަވެސް ދެ ފަންނާނުންގެ ގިނަ ފޮޓޯތަކެއް ލީކުވީ ފަހުން އެއްވެސް އެޖެންސީ އަކުން އަކުން ބުނެފައި ނުވާތީ ނުވަތަ އެކަމާއި ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުނާތީ ޖެނީއާއި ވީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ޓުވިޓާގައި ޖެނީއާއި ވީގެ ފޮޓޯތައް ހިއްސާ ކުރާ އެކައުންޓް މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.