މަޝްހޫރު ބީޓީއެސް ބޭންޑުގެ ރެޕަރ އަދި ލީޑް ކޮރެއޯގްރާފަރު، ޖޭ ހޯޕް ދެކުނު ކޮރެއާގެ އަސްކަރީ ހިދުމަތާއި ގުޅެން ތައްޔާރު ވެއްޖެ ކަމުގައި ޖޭ ހޯޕް ގެ ކުންފުނިން އިއްޔެ އިއުލާނު ކޮށްފިއެވެ. އެއާއި އެކު ޖޭ ހޯޕް ވެގެންދާނީ އެތައް ބައެއްގެ ތެރޭގައި މަގުބޫލު ކޭ ޕޮޕް ބޭންޑުން އަސްކަރިއްޔާ އާއި ގުޅޭ ދެވަނަ މެމްބަރަށެވެ.

"މިއީ ބިގް ހިޓް މިއުޒިކް. ޖޭ ހޯޕް އަސްކަރިއްޔާ އާއި ގުޅުމުގެ މަސައްކަތްތައް ފަށާފައިވާ ކަން އަހަރެމެންގެ ފޭނުންނަށް އަންގާލަން ބޭނުންވޭ. އޭނާ ވަނީ މިހާރު އަސްކަރީ ހިދުމަތް ލަސްކުރުމަށް އެދިފައިވާ އެދުން ބާތިލު ކުރުމަށް ހުށައަޅާފައި. ކުރިއަށް އޮތް ދުވަސްތަކުގައި މި ކަމުގެ މައުލޫމާތު އަހަރެމެން ހާމަ ކުރަމުން ދާނަން. ޖޭ ހޯޕް އަސްކަރީ ހިދުމަތް ނިންމާފައި، ސަލާމަތުން އެނބުރި އަންނަންދެން އޭނާ އަށް ކުރާ ތާއީދު ދެމެހެއްޓުމަށް އަހަރެމެން ފޭނުންގެ ކިބައިން އެދެން. އަހަރެމެންގެ އާޓިސްޓަށް ތާއީދު ކުރުމުގައި އަހަރެމެންގެ ކުންފުނިން އެއްވެސް ކަމެއް އުންޏެއް ނުކުރާނަން. ޝުކުރިއްޔާ." ބިގް ހިޓް މިއުޒިކް އިން ބުނެފައި ވެއެވެ.

މި ބޯއި ބޭންޑުން އަސްކަރިއްޔާ އާއި ގުޅުނު ފުރަތަމަ މެމްބަރަކީ ޖިން އެވެ. އޭނާގެ މައްޗަށް ލާޒިމްވާ 18 މަހުގެ އަސްކަރީ ހިދުމަތް، ދެކުނު ކޮރެއާގެ އަސްކަރީ ބޫޓް ކޭމްޕެއްގައި ޖިން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުއެވެ.

ސީއެންއެން އިން ބުނެފައިވާ ގޮތުގައި، ދެކުނު ކޮރެއާގެ ކުޅަދާނަ ވެގެންވާ ހުރިހާ ފިރިހެނުންނަށް، އެމީހުންގެ އުމުރުން 28 އަހަރު ވާން ވާއިރު، އަސްކަރިއްޔާއަށް 18 މަސް ދުވަހު ހިދުމަތް ކުރަން ޖެހެއެވެ. ނަމަވެސް ޕޮޕް ސްޓާރުންނަށް 30 އަހަރު ވަންދެން ހިދުމަތް ލަސްކުރަން ހުއްދަ ދޭ ބިލެއް، 2020 ވަނަ އަހަރު ދެކުނު ކޮރެއާގެ މަޖިލީހުން ވަނީ ފާސް ކޮށްފައެވެ.

ބިގް ހިޓް އިން ބުނެފައިވަނީ ބީޓީއެސް ގެ 7 މެމްބަރުންވެސް އަސްކަރީ ހިދުމަތަށް ދާނެ ކަމަށެވެ.

"އޮން ދަ ސްޓްރީޓް" ކިޔާ ޖޭ ހޯޕް ގެ އާ ސޯލޯ ސިންގަލް އެއް މާޗް 3 ވަނަ ދުވަހު ރިލީޒް ކުރާނެ ކަމަށްވެސް ބިގް ހިޓް އިން ވަނީ އިއުލާނު ކޮށްފައެވެ.

ބީޓީއެސް އަކީ ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުންގެ މެދުގައި، އަދި ހާއްސަކޮށް އަންހެން ކުދިންނާއި ޒުވާން އަންހެނުންގެ މެދުގައި ވަރަށް މަގުބޫލު ބޭންޑެކެވެ.