ޕާކިސްތާނުން މިދިޔަ ހަފްތާ ގެއްލިގެން ރިޕޯޓްކުރި ދެ އަންހެންކުދިން، އެކުދިންގެ ގެއާއި 750 މޭލު ދުރުން ފެނިއްޖެއެވެ.

މި ދެ އަންހެން ކުދިން އުޅުނީ ދެކުނު ކޮރެއާގެ މަޝްހޫރު ކޭ ޕޮޕް ބޭންޑް، ބީޓީއެސްއާއި ބައްދަލުކުރުމަށް ދެކުނު ކޮރެއާއަށް ދިއުމަށް ކަމަށް ޕާކިސްތާނުގެ ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

13 އަދި 14 އަހަރުގެ މި ދެ ކުދިން ކަރާޗީގެ ކޮރަންގީ އަވަށުން ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެކުދިން ހޯދުމަށް، ފުލުހުން އެ ދެކުދިންގެ ގެ ބަލާ ފާސްކުރުމުން ވަނީ ބީޓީއެސް އާއި ބައްދަލުކުރުމަށް ދެކުނު ކޮރެއާއަށް ދިއުމަށް ރާވާފައި ހުރި ރޭވުންތަކެއް ހިމެނޭ ޑައިރީއެއް ފެނިފައި ކަމަށް ފުލުހުންގެ ސީނިއަރ ސުޕްރިޓެންޑެންޓް އަބްރައިޒް އަލީ އައްބާސީ ވަނީ ވިދާޅުވެފައެވެ.

ފުލުހުންނަށް ފެނުނު ޑައިރީގައި ރޭލު ދަތުރުތަކުގެ ތާވަލާއި ބެހޭ ގޮތުން ލިޔެފައި ހުރި ކަމަށާއި، އަދި އެކުދިންގެ އެހެން ރަހުމަތްތެރިއަކާއި އެކުގައި ފިލައިގެން ދާން އުޅޭ ވާހަކަތައް ލިޔެފައި ހުރި ކަމަށް އައްބާސީ ވިދާޅުވިއެވެ. އަދި ޑައިރީގައި ބުނާ އަނެއް ރަހުމަތްތެރިޔާއާއި ފުލުހުން ސުވާލުކޮށްފައިވާނެ ކަމަށްވެސް އައްބާސީ ވަނީ ވިދާޅުވެފައެވެ.

އަދި އެކުދިން ހޯދުމުގެ މަސައްކަތް ފުލުހުން ވަރަށް ހަލުވިކޮށް ކުރަމުން ދިޔަ ކަމަށާއި، އެކުދިން ލާހޯރުގެ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިކަން އެނގުނު ކަމަށް އައްބާސީ ވިދާޅުވިއެވެ. އެކުދިން ލާހޯރަށް ދިޔައީ ރޭލުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި މިހާރު ދެ އަންހެންކުދިން ލާހޯރް އިން ކަރާޗީއަށް ގެނައުމުގެ އިންތިޒާމުތައް ލާހޯރް ގެ ފުލުހުންނާއި ގުޅިގެން ހަމަޖައްސާފައިވާ ކަމަށްވެސް އައްބާސީ ވަނީ ވިދާޅުވެފައެވެ.

ދަރިންގެ ސްކްރީން ވަގުތުތައް ރަނގަޅަށް މޮނިޓަރ ކުރުމަށާއި، އެކުދިން އޮންލައިން ކޮށް ބަލަނީ ކޮން އެއްޗެއްސެއް ކަމާއި މެދު ސަމާލުވުމަށް އައްބާސީ ވަނީ ބެލެނިވެރިންނަށް ގޮވާލާފައެވެ.

ދެ ޖިންސުގެ އަދި އެކި އުމުރުފުރާގެ މީހުންގެ މެދުގައި، މުޅި ދުނިޔޭގައިވެސް ކޭ ޕޮޕް ވަރަށް މަގުބޫލެވެ. އަދި އޭގެ ތެރެއިންވެސް 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ބީޓީއެސް ބޭންޑަކީ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބޭންޑެކެވެ. ހާއްސަކޮށް ޒުވާން އަދި ބޮޑެތިވަމުން އަންނަ އަންހެން ކުދިންގެ މެދުގައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބީޓީއެސްގެ އެންމެ ދޮށީ މެމްބަރު، ޖިން، ދެކުނު ކޮރެއާގެ އަސްކަރީ ހިދުމަތާއި ގުޅުމުގެ ސަބަބުން އެ ގުރޫޕް ވަނީ ބްރޭކެއް ނަގާފައެވެ. ގުރޫޕްގެ އެހެން މެމްބަރުންވެސް އަސްކަރީ ހިދުމަތަށް އުމުރު ހަމަވެފައި ވުމުން، 2025 އާއި ހަމައަށް ބީޓީއެސް އެކީގައި ނުފެންނާނެއެވެ. މި ދުވަސްކޮޅުގެ ތެރޭގައި މެމްބަރުން މަސައްކަތް ކުރާނީ ސޯލޯ ޕްރޮޖެކްޓްތަކުގައި ކަމަށް އެ ބޭންޑުން ވަނީ ބުނެފައެވެ.