މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދުބާއީގެ ހޮޓަލެއްގެ ބާތްޓަބެއްގައި ގެނބިގެން މަރުވި ބޮލީވުޑްގެ އެކްޓްރެސް ސްރީ ދޭވީ ކަޕޫރްގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސްފިއެވެ.
ސްރީ ދޭވީގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސްފައި ވަނީ މިރޭގެ ވަގުތެއްގައި ޕްރައިވެޓް ޖެޓެއްގައެވެ. މަރުވިތީ ތިން ދުވަސް ފަހުން ސްރީ ދޭވީގެ ހަށިގަނޑު އިންޑިއާގެ މުމްބާއިއަށް ގެންދިޔައިރު، ސްރީ ދޭވީ މަރުވީ ގެނބިގެންކަމަށް ބަލައި މިހާރު އެ މައްސަލަ ދުބާއި ފުލުހުން ވަނީ ފައިލްކޮށްފައެވެ.
ސްރީ ދޭވީގެ ވަޅުލުމަށް ހަމަޖެހިފައި ވަނީ މާދަމާ މެންދުރު ފަހުއެވެ. އަދި އޭނާގެ މޫނު ދެއްކުން މާދަމާ ހެނދުނު 9:30 އިން 12:30 އަށް ލޮޚަންދްވަލާގެ ސެލެބްރޭޝަން ސްޕޯޓްސް ކްލަބްގައި އޮންނާނެކަމަށް އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ފިލްމީ ދާއިރާގައި 50 އަހަރު ހޭދަކޮށްފައިވާ ސްރީ ދޭވީއަކީ އެ އިންޑަސްޓްރީގެ އެތައް ބައެއްގެ ލޯތްބާއި ގަދަރު ލިބިގެންވާ ތަރިއެކެވެ. އޭނާ މިހާތަނަށް 300 އެއްހާ ފިލްމް ކުޅެފައި ވެއެވެ.
އުމުރުން 54 އަހަރުގައި ސްރީ ދޭވީ މމަރުވިއިރު، ފިރިމީހާއާއި ދެ އަންހެން ދަރިން ދުނިޔޭގައި އެބަތިއްބެވެ.