ހަނގުރާމައިގެ މައިދާނުގައި ހުރި އުނި ކަންތައްތައް ހައްލު ކުރުމަށް އެމެރިކާގެ އަސްކަރިއްޔާގެ ތަޖުރިބާކާރަކު ތައްޔާރުކުރި ލައިވް ސްޓްރީމް ކުރާ ފީޗަރ ފޭސްބުކް އިން ހުއްދައަކާ ނުލާ ބޭނުންކުރާތީ އެ ކުންފުނީގެ ބެލެނިވެރި ފަރާތް، މެޓާ 174.5 މިލިއަން ޑޮލަރުން ޖޫރިމަނާއެއް ދައްކަން ޖެހިއްޖެވެ.

އެމެރިކާގެ ޓެކްސަސްގެ ފެޑެރަލް ކޯޓެއްގައި ކުރިއަށް ދިޔަ މި ޝަރީއަތް ނިމުނީ، މި މައްސަލައިގައި މެޑާގެ މައްޗަށް 174.5 މިލިއަން ޑޮލަރު ދައްކަން ބުދަ ދުވަހު އަމުރުކޮށްފައެވެ.

ފޭސްބުކް އަދި އިންސްޓަގްރާމްގައި "ލައިވް" ފީޗާސްތަކެއް ބޭނުންކުރަނީ އޭގެ އަސްލު ވެރިފަރާތާއެކު އެއްބަސްވުމެއް ނަހަދައި ކަން ކޯޓަށް ވަނީ ހާމަވެފައެވެ. މި ފީޗަރ އުފެއްދި ޓޮމްކާޓިސް ބުނީ އޭނާ މި ފީޗަރ އުފެއްދީ ވޮކްސަރ ނަމަކަށް ކިޔާ ޓެކް ކުންފުންޏަކާ ގުޅިގެން ކަމަށެވެ.

"އަހަރެމެން ގަބޫލުކުރާ ގޮތުގައި ޝަރީއަތުގައި ހުރި ހެކިތަކުން ސާބިތުކޮށްދިނީ މެޓާ ވޮކްސްސަރގެ ޕެޓެންޓްތަކަށް އަރައިގެންފައި ނުވާކަން،" ބޭރުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އެކުންފުނީގެ ތަރުޖަމާނަކު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަސްދުކުރަނީ އިސްތިއުނާފު ފައިލް ކުރުން ވެސް ހިމެނޭ ގޮތަށް އިތުރު ލުޔެއް ހޯދަން."

2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާއަށް ދިން ހަމަލާތަކަށްފަހު ކާޓިސް އަސްކަރިއްޔާގައި އަލުން ލިސްޓްކޮށްފައިވާ ކަމަށާއި އޭނާ އަކީ އަފްޣާނިސްތާނުގައިސްޕެޝަލް ފޯސަސްގެ ކޮމިއުނިކޭޝަންސް ސާޖަންޓެއްގެ ގޮތުގައި މަސައްކަތް ކުރި މީހެއް ކަމަށް ކޯޓު ފައިލިންގްސް އިން ބުނެއެވެ.

މި ފީޗަރ އުފެއްދި ފަރާތުން މި ފީޗަރ ބޭނުންކުރަމުން އަންނަނީ އަސްކަރިއްޔާގެ ބޭނުމަށް ކުއްލި ހާލަތުގައި ސިއްހީ އެހީތެރިކަމާއި ވަގުތުން ކަންކަމުގައި އިރުޝާދު ދިނުމާއި މިފަދަ ކަންކަމުގައެވެ.