ބޮލީވުޑުގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖު ކުންދުރާގެ ބަރަހަނާ އެޕްލިކޭޝަނާއި ގުޅޭގޮތުން ފޮރުވިފައިވާ ހަގީގަތް ކުރުމަށް އޭނާ ބޭނުންވެއެވެ.

އެންމެ ފަހުގެ ރިޕޯޓް ތަކުގައިވާ ގޮތުން ރާޖު ކުންދުރާގެ މި ހަގީގަތް ހާމަކޮށްދޭން ބޭނުންވަނީ ބިގްބޮސްގެ ކުރިއަށް ސީޒަންގައެވެ. މިއާއި އެކު ރާޖު ކޮށްފައިވާ ޓުވީޓެއްގައި ލިޔެފައިވަނީ އޭނާ ޖަލުން ދޫކޮށްލި ތާ އަހަރެއް ވެއްޖެ ކަމަށާއި ހަގީގަތް ވަރަށް އަވަހަށް ހާމަވާނެ ކަމަށެވެ.

އަދި އޭނާއަށް ހިތްވަރުދީ އެހީތެރިވެދިން މީހުންނަށް ޝުކުރު އަދާކޮށްފައިވާ އިރު އޭނާއަށް ފާޑުކިޔާ ފަރާތްތަކަށް ބުނެފައިވަނީ އެ ފާޑުކިޔުންތަކަކީ އޭނާއަށް ލިބުނު ހިތްވަރެއް ކަމަށެވެ. އަދި ހަގީގަތް ނޭނގޭ ނަމަ އެކަމަކާ ގުޅޭގޮތުން ވާހަކަ ނުދައްކާ މަޑުން ތިބުމަށް ވެސް ރާޖުގެ މި ޓުވީޓުގައި ވެއެވެ.

މީގެއިތުރުން ރާޖު ބިގްބޮސް 16 އިގައި ބައިވެރިވާން ޝޯ އުފައްދާ ފަރާތްތަކާއި ވާހަކަ ދައްކާ ކަމަށާއި ޝޯގައި ބައިވެރިވުމަށް 30 ކްރޯރް އިންޑިއަން ރުޕީސް ދޭންޖެހޭނެ ކަމަށާއި އަދި ޝޯއިން ލިބޭ ފައިސާ ހަދިޔާ ކުރާނީ އެންޖީއޯއަކަށް ކަމަށެވެ.

މިކަމަށް ފާޑުކިޔައި ފަރާތްތަކުން ބުނެފައިވަނީ ރާޖުއާއި މެދު މީހުން ދެކޭގޮތް ބަދަލު ކުރަން މަސައްކަތް ކުރަނީ ކަމަށެވެ.

ބަރަހަނާ ވީޑިއޯ އެޕްލިކޭޝަނެއްގައި އާއްމު ކުރާ މައްސަލައަކާއި ގުޅިގެން ރާޖު ކުންދުރާ ހައްޔަރު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އަދި އެ އަހަރުގެ ސެޕްޓެމްބަރ މަހު އޭނާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.

ޖަލުން ދޫކޮށްލުމަށް ފަހު ރާޖު އާއްމުންގެ ތެރޭގައި އުޅެނީ މޫނު ނިވާކޮށްގެންނެވެ.