ބޮލީވުޑްގެ މަޝްހޫރު ގިނަ ފަންނާނުންނަކީ އެފަރާތްތަކުގެ އިޖުތިމާޢީ ޒިންމާގެ ދަށުންވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ބައެކެވެ. އެގޮތުން، އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މަސައްކަތް ކުރުމާއި އަންހެނުން ބާރުވެރިކުރުވުމަށް އަދި ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް، ގިނަ ފަންނާނުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން، މަޝްހޫރު ތަޖުރިބާކާރު އެކްޓަރު، އަނިލް ކަޕޫރު ވަނީ ދާދިފަހުން، ގޭތެރޭގައި އުފެދޭ ކުނި މެނޭޖުކޮށް، އޭގެން ކާދު (ކޮމްޕޯސްޓް) އުފައްދާނެ ގޮތް، އެންމެންނަށް ކިޔައިދީފައެވެ.

އިންޑިޔާ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން، މި ފިލާވަޅު އޭނާ ނަގައިދީފައިވަނީ ޓްވިޓަރ މެދުވެރިކޮށް، ވީޑިޔޯއެއްގެ ޒަރީއާއިންނެވެ.

އެޤައުމަކީ ސާފުޠާހިރު ޤައުމަކަށް ހެދުމަށް ކުރިއަށް ގެންދާ "ސްވަޗް ބާރަތު" ކެމްޕޭނުގެ ދަށުން މި ވީޑިޔޯ ގެނެސްދީފައިވާއިރު، އަމީތާބް ބައްޗަންފަދަ އެކްޓަރުންވެސް ދަނީ މި ކެމްޕޭނުގައި ހަރަކާތްތެރިވަމުންނެވެ.