އިނގިރޭސި ވިލާތުގެ ޕޮޕް ތަރި އެޑް ޝީރަން އާއި އެމެރިކާގެ ރެޕް އާޓިސްޓް ލިލް އުޒީ ވާޓްގެ ރިލީޒް ނުކުރާ ލަވަތައް ވަގަށް ނެގި ކޮމްޕިއުޓަރު ހެކަރަކު 18 މަހަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

ދެކުނު އިންގްލެންޑް އިޕްސްވިޗްގެ އެޑްރިއަން ކްވިއަޓްކޮވްސްކީ، 23، ވަނީ އާޓިސްޓުންގެ ކްލައުޑް އެކައުންޓްތައް ހެކްކޮށް، ކްރިޕްޓޯކަރަންސީގެ ބަދަލުގައި އެ މީހުންގެ ލަވަތައް ޑާކް ވެބްގައި ވިއްކާލައިފައެވެ. މި މައްސަލަ ތަހުގީގުކުރި ސިޓީ އޮފް ލަންޑަން ފުލުހުން ބުނީ ކްވިއަޓްކޮވްސްކީ އަށް 131،000 ޕައުންޑް (2.2 މިލިއަން ރުފިޔާ) ލިބިފައިވާ ކަމަށެވެ.

ކްރައުން ޕްރޮސެކިއުޝަން ސާވިސްގެ ޖޮއާން ޖެކިމެކް ވިދާޅުވި ހެކަރު އެގޮތަށް ކަންތައް ކުރީ އަމިއްލަ އެދުން ބޮޑުވެގެން ކަމަށެވެ. އެމީހުންގެ ލަވަތައް ވަގަށް ނެގީ އަމިއްލަ އަށް ފައިސާ ހޯދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އޮގަސްޓް މަހު ކްވިއަޓްކޮވްސްކީގެ މައްޗަށް ވަނީ ކޮޕީރައިޓްގެ 14 ދައުވާއަކާއި ކޮމްޕިއުޓަރު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތިން ދައުވާއެއް އުފުލާފައެވެ. އޭނާގެ މައްޗަށް ހުކުމް ކުރީ އިޕްސްވިޗް ކްރައުން ކޯޓުގައެވެ.

ސިޓީ އޮފް ލަންޑަން ފުލުހުން ވަނީ މި މައްސަލަ ބެލުމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކޮށްފައެވެ. އޮންލައިންކޮށް ސްޕިރްޑާކްގެ ނަމުން ނަން ދީފައިވާ މީހަކު ލަވަކިޔުންތެރިންގެ ކްލައުޑް ބޭސްޑް އެކައުންޓްތަކަށް ވަދެ، އެ މީހުންގެ ކޮންޓެންޓް ވިއްކަމުންދާ ކަމަށް ބައެއް މިއުޒިޝަނުންގެ މެނޭޖްމަންޓް ކުންފުނިތަކުން ރިޕޯޓްވެސް ވަނީ ކޮށްފައެވެ.