ބޮލީވުޑްގައި ގިނަބަޔަކަށް އެންމެ ކަމުދާ ޖޯޑުގެ ގޮތުގައި ފާހަގަކޮށްލެވޭ ކެޓްރީނާ އާއި ވިކީ ކައުޝަލް ކައިވެނިކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ތެރޭގައެވެ. ދެ ތަރިންގެ ކައިވެންޏަށް ފަހު، ގިނަބައެއްގެ ސަމާލުކަން މި ދެ މީހުންނަށްވެސް ލިބިގެން ގޮސްފައިވާއިރު، އެކުގައި ނަގާފައި ހުންނަ ފޮޓޯތަކާއި ވީޑިއޯތަކަށް މާ ބޮޑަށް ސަމާލުކަން ލިބެއެވެ.

އަދި ދެ މީހުންވެސް ތަފާތު އިވެންޓްތަކުގައި ދެ މީހުންނާ ގުޅޭގޮތުން ވާހަކަވެސް ދައްކައެވެ. އެގޮތުން ދާދި ފަހުން ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި ކެޓްރީނާ ބުނެފައި ވަނީ، ވިކީ މިއުޒިކް އަށް ހުންނަ ޝައުގުވެރިކަމާއި، ލަވަ ކިޔުމާއި ނެށުމަކީ، އޭނާ އެންމެ ގަޔާވާ ކަންތައް ކަަމަށެވެ.

އަދި ވިކީ އަކީ ވަރަށް މޮޅަށް ލަވަކިޔާކަން ފާހަގަކުރަމުން ކެޓްރީނާ ބުނެފައި ވަނީ، އޭނާ ނިދާ ގަޑީގައި، ވިކީ ކައިރީގައި ލަވައެއް ކިޔާލަދޭން ބުނާ ކަަމަށެވެ.

ވިކީގެ ފަރާތުން އޭނާއަށް ފެންނަ އެންމެ ކަމުނުދާ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، ބައެއް ފަހަރު އޭނާއަކީ ވަރަށް ބޯހަރު މީހަކަށް ވުމެވެ.

ކެޓްރީނާ މިހާރު ދެން އޭނާގެ ކުރިއަށް އޮތް ފިލްމް ފޯމް ބޫތްގެ ޕްރޮމޯޝަންގެ މަސައްކަތްތައް ކުރަމުންނެވެ. އެ ފިލްމްގައި ކެޓްރީނާ އަކީ ޖިންނިއެކެވެ. އެ ފިލްމްގައި ކެޓްރީނާ އާއެކު ފެނިގެން ދާނީ އިޝާން ޚަތަރް އާއި ސިޝާންތް ޗަޓުރަވެޑީއެވެ. ވިކީގެ މަސައްކަތަށް ބަލާއިރު، މިހާރު އޭނާ ދަނީ މެގްނާ ގުލްޒާރްގެ ކުރިއަށް އޮތް ފިލްމް ސޭމް ބަހާދޫރްގެ ޝޫޓިންގގެ މަސައްކަތުގައި ޝާމިލް ވަމުންނެވެ.