ބޮލީވުޑް އަދި ހޮލީވުޑްގައިވެސް މިހާރު ފިޔަޖަހަމުން އަންނަ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ދޭތެރެ ދޭތެރެއިން، އޭނާގެ ފިރިމީހާ، އަދި ލަވަކިޔުންތެރިޔާ ނިކް ޖޮނަސްގެ އަންނައުނު "ވަގަށް" ނަގައިގެން، އެ އެއްޗެހި ލައިގެން ބޭރަށް ނުކުމެ އުޅެއެވެ.

މިކަމާއި އޭނާގެ ފޭނުން ވަރަށް ގަޔާވާ ކަމަށް ވެެއެވެ. މީގެ ކުރިންވެސް އެތައް ފަހަރަކު ޕްރިޔަންކާ މިގޮތަށް ކަންތައް ކޮށްފައި ވެއެވެ.

އެގޮތުން މިފަހަކުން ޕްރިޔަންކާ ވަނީ ނިކްގެ ގަމީހެއް ލައިގެން ބޭރަށް ނުކުމެގެން އުޅެފައެވެ. އެކަމާއި މިހާރު ގިނަބަޔަކު ދަނީ ވާހަކަވެސް ދައްކަމުންނެވެ.

ދާދި ފަހުން ޕްރިޔަންކާގެ ފޭން ކްލަބްގެ އިންސްޓަގްރާމްގައި ވަނީ، ޕްރިޔަންކާ ނިކްގެ ގަމީހެއް ލައިގެން ހުންނަ ފޮޓޯއެއް ހިއްސާ ކޮށްފައެވެ. ދެ ފޮޓޯއެއް ކޮލާޖްކޮށް ހިއްސާކޮށްފައިވާ އެ ފޮޓޯގައި ނިކް އެ ގަމީސް ލައިގެން ހުންނަ ތަން ފެނިގެން ދާއިރު، ދެވަނަ ފޮޓޯއިން ފެންނަނީ ޕްރިޔަންކާ އެ ގަމީސް ލައިގެން، އެކަމަކު ގޮށް ނާޅުވާ ހުންނަ ތަނެވެ.

އެ ފޮޓޯ ހިއްސާ ކުރުމާއެކު އެތައް ބައެއްގެ ސަމާލުކަން އެ ފޮޓޯއަށް ލިބިގެން ދިޔައެވެ. އެގޮތުން އެތައް ހާސް ބަޔަކު އެ ފޮޓޯއަށް ލައިކްކޮށް، ކޮމެންޓް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ކޮމެންޓް ކުރި ބައެއް ފަރާތްތަކުން ބުނަނީ، މިއީ ކައިވެނި ކޮށްގެން އުޅޭ މީހުން، އުޅެން ޖެހޭ ގޮތް ކަމަށެވެ. އަދި އެކުގައި އުޅޭ އާއިލާތައް އަބަދުވެސް އެކަކު އަނެކަކުގެ އަންނައުނުތައް ލާ ކަމަށާއި، އެކުގައި އަޅުކަންވެސް ކުރާ ކަމަށެެވެ.

މަސައްކަތުގެ ގޮތުން ޕްރިޔަންކާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ފަރްހާހް އަޚްތަރްގެ ޖީ ލޭ ޒަރާ އިންނެވެ. އެ ފިލްމްގައި އޭނާއާއެކު އާލިއާ ބަޓް އާއި ކެޓްރީނާ ކަައިފްވެސް ފެނިގެންދާއިރު، ވެބް ސީރީޒްއެއް ކަަމަށްވާ ސިޓަޑެލްގައިވެސް އޭނާ ދަނީ މަސައްކަތް ކުރަމުން ކަން ފާހަގަކޮށްލެވެއެވެ.