އާންމުކޮށް ނުފެންނަ މަންޒަރެއް ފެނިއްޖެނަމަ، ކޮންމެ މީހަކަށް ވެސް ހައިރާންކަން ލިބިގެންދާނެއެވެ. އަދި އެފަދަ ކަމެއް ހިނގައިފިނަ އެކަން އެގޮތަށް ހިނގަން މެދުވެރީވީ ކޮން ސަބަބަކާއި ހުރެކަން ބެލުމަށް ވެސް ގިނަ ބަޔަކު ބޭނުންވާނެއެވެ.

އެގޮތުން މިހާރު ޕެރޫގެ ކޯރެއް ރަތް ކުލައަށް ބަދަލުވެފައިވާ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެ، ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ވަނީ އައިސްފައެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި މިއީ ކުރީގެ ވީޑިއޯއެކެވެ. ނަމަވެސް އެކި ފަހަރުމަތިން ވީޑިއޯއާ މީސްމީޑިއާގައި ދައުރުވަމުން އަންނާތީ ގިނަ ބަޔަކަށް ހައިރާންކަން އަންނަނީ ލިބެމުންނެވެ. އެކަން އެގޮތަށް ދިމާވަނީ އެކޯރު ރަތް ކުލައަށް ބަދަލުވާން މެދުވެރި ސަބަބުން ހޯދިފައި ނުވާތީއެވެ.

ޕެރޫގެ ކުސްކޯގެ އެ ކޯރު ރަތް ކުލައަށް ބަދަލުވެފައިވާ ވީޑިއޯ މިފަހަރު އާންމުކޮށްފައިވަނީ 'ފެސިނޭޓިން', ނުވަތަ 'ހިތްގައިމު' ވީޑިއޯތައް މީސްމީޑިއާގައި އާންމު ކުރާ ޓުވިޓާ އެކައުންޓެއްގައެވެ.

ކޯރުގެ ކުލަ ރަތް ކުލައަށް ބަދަލުވެފައިވާ ސަބަބު ހޯދިފައި ނުވީ ނަމަވެސް، ބައެއް ރިޕޯޓްތަކުން ބުނެފައިވަނީ ކޯރުގެ ފެން ރަތްވެގެންދަނީ ބިންގަނޑު ގިރުމުގެ ސަބަބުން އުފެދޭ މަށީގެ އެކި ފަށަލަތަކުގައި ހުންނަ މިނަރަލް ޑިޕޮސިޓްތަކުގެ ސަބަބުންނެވެ. ނަމަވެސް އެކަމަށް ސައިންސްވެރިން ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.

ކޯރު ރަތް ކުލައިން އޮންނަ ވީޑިއޯ އާންމުވުމުން ބައެއް ފަރާތްތަކުން ސިފަ ކޮށްފައިވަނީ އެތަނަށް މީހަކު ނުވަތަ ޖަނަވާރެއް މަރާލުމުން ގިނަ އަދަދެއްގެ ލޭފޭބުމުން ލޭގެ ކުލަ ހުރި ކަމަށެވެ. ނަމަވެސް އެފަދަ ހާލަތެއްގައި ވެސް އޮއެވަރު ހުންނަ ކޯރެއްގައި އެގޮތަށް ރަތް ކުލަ ހުންނާނީ ވަކި ހިސާބެއްގައި ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އިއްޔެ މި ވީޑިއޯ އަލުން ދައުރުވާން ފަށާފައިވާއިރު، މިހާތަނަށް 2.7 މިލިއަން މީހުން ވަނީ މި ވީޑިއޯ ބަލާފައެވެ. އަދި 51،000 އަށްވުރެ ގިނަ މީހުން ވީޑިއޯއަށް ލައިކް ދީފައިވާއިރު، ގިނަ ބަޔަކު އަންނަނީ ވީޑިއޯއާއި ގުޅޭ ގޮތުން އެކި ވާހަކަތައް ދައްކަމުންނެވެ.