ޕެރޫގެ ދެކުނުގައި ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުންދިޔަ މީހުންގެ ކިބައިން ސަލާމަތްވުމަށްޓަކައި ފިނި ކޯރަކަށް ފުންމާލި ސިފައިންގެ ހަ މީހަކު ފެތިގެން މަރުވެއްޖެއެވެ.

ޕެރޫގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، ޕޫނޯ ސަރަހައްދުގެ އިލޭވް ސިޓީގައި، ރައީސް ދީނާ ބޮލުއާޓޭ ގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ މީހުން ވަނީ ގަލާއި ދަނޑިފަދަ ތަކެތި ބޭނުން ކޮށްގެން ސިފައިންގެ މީހުންނަށް ހަމަލާދީފައި ކަމަށެވެ.

މިނިސްޓްރީން ބުނެފައިވަނީ ފެތުނު އެންމެންގެ ހަށިގަނޑު މިހާރު ހޯދިފައިވާ ކަމަށެވެ. ފެތުނު ސިފައިން މީހުންގެ ހަށިތައް ވަނީ ޕެރޫ އާއި ބޮލީވިއާގެ ސަރަހައްދީ އިން ކައިރީގައި އޮންނަ ޓިޓިކާކާ ފެންގަނޑަށް ދައުރުކުރާ އިލާވާ ކޯރުން ނަގާފައެވެ.

އެ ކޯރު ހުރަސް ކުރަން ކުރި މަސައްކަތުގެ ތެރޭގައި ފިނިބޮޑުވެގެން އިތުރު ފަސް ސިފައިންގެ މީހެއްގެ ހާލު ދެރަވެފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ޕޫނޯ އަކީ މިދިޔަ ޑިސެމްބަރު މަހު ޕެރޫގެ އޭރުގެ ރައީސް ޕެޑްރޯ ކަސްޓިލޯ، މަޖިލީސް އުވާލަން މަސައްކަތް ކުރެއްވުމުން މަގާމުން ވަކިކުރުމާއި ގުޅިގެން، އޭރުއްސުރެ އެންމެ ގިނައިން މުޒާހަރާ ކުރެވެމުންދާ ސަރަހައްދެވެ.

މި މުޒާހަރާތަކުގައި މިހާތަނަށް 50 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، 1300 އެއްހާ މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ސަލާމަތީ ބާރުތަކުގެ ފަރާތްތަކެވެ.

ކަސްޓިލޯ އަށް ތާއީދުކުރާ ފަރާތްތަކުން ގޮވާލަމުން ގެންދަނީ ބޮލުއާޓޭ އިސްތިއުފާ ދެއްވުމަށާއި، މަޖިލީސް އުވާލުމަށާއި، އަވަސް އިންތިހާބެއް ވަގުތުން ބޭއްވުމަށާއި، އާ ގާނޫނޫ އަސާސީއެއް އުފެއްދުމަށެވެ.

މިނިސްޓްރީން ހިއްސާކޮށްފައިވާ ވީޑިއޯ އެއްގައި، އެތަނުން ފިލުމަށް ކާމިޔާބު ވީ ސިފައިންގެ މީހަކު ބުނެފައިވަނީ، އޭނާ އަށާއި އޭނާގެ ބައިވެރިން ކޯރު ހުރަސް ކުރަން އުޅުނީ އެނޫން އެހެން ގޮތެއް ނެތުމުން ކަމަށެވެ.

"ގާތްގަނޑަކަށް 800-900 މީހުން އަހަރެމެން ވަށާލައި، އަހަރެމެންނާއި ދިމާލަށް ގާ އުކަން ފެށީ. އެމީހުން އަހަރެމެންނާއި ދިމާލަށް ގޮވަމުން ދިޔައީ ކޮރަޕްޓް ބައެކޭ، މީހުން މަރާ ބައެކޭ." އޭނާ ބުނެފައި ވެއެވެ.

އޭނާ ބުނެފައިވަނީ ހުރިހާ އެންމެންވެސް މަސައްކަތް ކުރީ އަތުގައި ހިފައިގެން އެކުގައި ތިބުމަށް ކަމަށާއި، ނަމަވެސް އޮއޮބާރު ކަމުން ބައެއް މީހުން ފެތެން ފެށީ ކަމުގައެވެ.

މިދިޔަ ހޮނިހިރު ދުވަހުވެސް ޕޫނޯގެ އެކި ހިސާބުތަކުގައި އާންމުންނާއި ސިފައިންނާއި ހިނގި ކުރިމަތިލުންތަކުގައި 16 މީހުން ވަނީ ޒަހަމްވެފައެވެ. އަދި އެ ދުވަހު ވަނީ އެ ސަރަހައްދުގެ ޕޮލިސް ސްޓޭޝަނެއްގައިވެސް ރޯކޮށްލާފައެވެ.

ފަސް އަހަރުގެ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވި ކަސްޓިލޯ މަގާމުން ވަކިކުރެވިފައިވަނީ، މަގާމާއި ހަވާލުވީތާ 17 މަސް ފަހުންނެވެ.