ހެނދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ މުހިންމު ކެއުމެވެ. އެއީ މުޅި ރޭގަނޑު ނުކައި ހުރެފައި ކާ ކެއުމަށް ވުމާއެކު މީހާގެ ދުވަސް ފަށާ ކެއުމަށްވާތީއެވެ. ސިއްހަތަށް ފައިދާހުރި ހެނދުނުގެ ނާސްތާއެއް ކެއުމަކީ މީހާގެ ބަރުދަނާއި ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށްދީ މީހާގެ ހަށިގަނޑު އެންމެ ރަނގަޅަށް މަސައްކަތް ކުރުމަށް މުހިންމު ކަމެކެވެ. ދުވަސް ފަށާއިރު ކެވޭ އެއްޗަކުން މުޅި ދުވަސް ޚަރާބުވެސް ވެދާނެއެވެ. އެހެންކަމުން އެންމެ ރަނގަޅު ހެދުނުގެ ނާސްތާއަކަށް ވާނީ، ސިއްހަތަށް ފައިދާ ހުރި ކާނާ އެކުލެވޭ، ހަށިގަނޑަށް ހަކަތަ ލިއްބައިދޭ، ބަނޑުފުރޭ، އަދި އެހާ އަވަހަށް ބަނޑުހައި ނުވާފަދަ ނާސްތާއެކެވެ.

މި ލިޔުމުގައި މި ބަލާލަނީ މިފަދަ ނާސްތާއެއްގައި ހިމެނާލެވިދާނެ ބައެއް ކާނާ އަށެވެ.

ހޯލް ގްރެއިން ޕާން ނުވަތަ ހޯލް ގްރެއިން ފުށުން ފިހެފައި ހުންނަ ރޮށި

އަޅުގަނޑުމެން އާންމުކޮށް ބުނާގޮތުންނަމަ ބްރައުން ބްރެޑް އަކީ ހޯލްގްރެއިން އިން ހަދާފައި ހުންނަ ޕާނެކެވެ. އަދި އާޓާ ފުށަކީވެސް ހޯލް ގްރެއިން އިން ހަދާފައި ހުންނަ ފުށެކެވެ. ހުދު ފުށް ނުވަތަ ހުދު ޕާނާއި މި ވައްތަރުގެ ތަފާތަކީ ހުދު ފުށް ހެދުމުގައި ބޭނުން ކުރަނީ ގޮދަންއޮށުގެ ވަކި ބައެކެވެ. ނަމަވެސް ހޯލް ގްރެއިން ފުށަކީ ގޮދަންއޮށުގެ ހުރިހާ ބަޔަކުން ހަދާ ފުށެކެވެ. އެހެންކަމަށް ވުމާއެކު އާދައިގެ ފުށަށްވުރެ ހޯލް ގްރެއިން ފުށުގައި ޕްރޮޓީން، ފައިބަރ އަދި ވިޓަމިނާއި މިނަރަލް ގިނަވެފައި ސިއްހަތަށް ފައިދާ ހުންނާނެއެވެ. އެގޮތުން މި ވައްތަރުގެ ދެ ފޮތި ޕާން ނުވަތަ އާދައިގެ ސައިޒުގެ ދެ ރޮށި ހެނދުނު ސަޔަށް ރަނގަޅުވާނެއެވެ. ރޮށްޓާއެކު މަސްހުނިކޮޅެއް ނުވަތަ ފިހުނު މަސްކޮޅެއްކަހަލަ އެއްޗެއްވެސް ކާލެވިދާނެއެވެ. ނުވަތަ ފައިދާހުރި އެހެން އެއްޗެއްވެސް ހަމަ ތައްޔާރުކޮށްލެވިދާނެއެވެ.

ބިސް

ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުގައި ބިހުގެ ގޮބޮޅީގައި ކޮލެސްޓްރޯލް ހުރުމުގެ ސަބަބުން ބިހަކީ މާ ސިއްހަތަށް ފައިދާ ހުރި ކާނާއެއް ނޫނެވެ. ނަމަވެސް ބިހަކީ ސިއްހަތަށް ފައިދާހުރި އޭގައި ގިނައިން ޕްރޮޓީން އެކުލެވޭ ކާނާއެކެވެ. އަދި ބިހަކީ ތަފާތު ވިޓަމިންތައްވެސް ލިއްބައިދޭ ކާނާއެކެވެ. ހެނދުނުގެ ނާސްތާގައި ފެނުކެއްކި ބިހެއް ނުވަތަ ބިސްގަނޑެއް ހިމަނާލެވިދާނެއެވެ. ނުވަތަ ބިސް ބޭނުންކޮށްގެން ސޭންޑްވިޗެއްވެސް ހަމަ ހަދާލެވިދާނެއެވެ.

ނަޓްސް އަދި ނަޓް ބަޓަރު

އެކި ވައްތަރުގެ ނަޓްސް އަކީވެސް އޭގައި ޕްރޮޓީންސްއާއި ތަފާތު ވައްތަރުގެ ފައިދާހުރި މިނަރަލްސްއާއި ހަށިގަނޑަށް ފައިދާ ހުރި ފެޓްސް އެކުލެވޭ ކާނާއެކެވެ. މީގެތެރޭގައި ބަދަން، އާމަންޑް. ކެޝޫ، ޕިސްޓާޝިއޯ، ވޯލްނަޓް ފަދަ ބާވަތްތައް ހިމެނެއެވެ. ނަމަވެސް ނަޓްސްއަކީ ކެލޮރީ ގިނަ ކާނާއެއްކަމުން ތަންކޮޅެއް މަދުން ބޭނުންކުރަން ސަމާލުކަން ދޭށެވެ.

ނަޓްސްއެކޭ އެއްގޮތަށް އޭގެން ހަދާފައި ހުންނަ ބަޓަރު، މިސާލަކަށް ޕީނަޓް ބަޓަރ، އާމަންޑް ބަޓަރ ފަދަ އެއްޗެހިވެސް ޕާނާއެކު ބޭނުންކޮށްލެވިދާނެއެވެ. މިގޮތަށް ބޭނުންކުރާ ބަޓަރ ބޭނުންކުރާއިރު ގިނައިން ހަކުރު އެއްކޮށްފައި ނުހުންނަ ވައްތަރެއް ހޯދުމަށް ސަމާލުކަން ދޭށެވެ.

އޯޓްސް

އޯޓްސް އަކީވެސް ސިއްހަތަށް ވަރަށް ފައިދާ ހުރި ކާނާއެކެވެ. އޯޓްސްގައި ހިމެނޭ ފައިބަރ ގެ ސަބަބުން އަވަހަށް ބަނޑުފުރި ގިނަ އިރު ބަނޑުހައިނުވެ ހުރުމަށް އެހީތެރިވެއެވެ. އަދި ކޮލެސްޓްރޯލް ދަށްކުރުމަށްވެސް އެހީވެދެއެވެ. ފައިބަރ ގެ އިތުރުން އޯޓްސްގައި އެންޓިއޮކްސިޑެންޓްސް، ހަށިގަނޑަށް ފައިދާހުރި ފެޓްސް އަދި ތަފާތު ވައްތަރުގެ ވިޓަމިނާއި މިނަރަލްސް ހިމެނެއެވެ.

ކުޅިކޮންނާއި ފޮނިކޮށްވެސް އޯޓްސް ތައްޔާރުކުރެވެއެވެ. އަދި އޯޓްސްއިން ހަދާފައި ހުންނަ ފުށްވެސް ބޭނުންކުރެވިދާނެއެވެ.

ނޯޓް: އެންޓިއޮކްސިޑެންޓްސްއަކީ ހިތުގެ ބައްޔާއި ކެންސަރާއި އަދި އެހެނިހެން ބަލިތަކުން ރައްކާތެރިވުމަށް އެހީވެދޭ މާއްދާއެކެވެ.

މޭވާ

މޭވާގެ ތެރެއިން ބެރީސް (ސްޓްރޯބެރީ، ބްލޫބެރީ، ރާސްބެރީ، ބްލެކްބެރީ) އަކީ އޭގައި އެންޓިއޮކްސިޑެންޓްސް ގިނަ އަދަދަކަށް ހިމެނޭ، ފައިބަރ ގިނަ، ކެލޮރީ މަދު އަދި އަނގަޔަށް މީރު ކާނާއެކެވެ. ހެނދުނުގެ ނާސްތާގައި ސްމޫތީއެއް ހަދާލަން ނުވަތަ އޯޓްސް އާއި އެކީގައި ބޭނުންކޮށްލަންވެސް ބެރީސް ރަނގަޅުވާނެއެވެ. ނަމަވެސް ދިވެހިރާއްޖޭގައި ނުހެދޭ އެއްޗަކަށް ވުމާއެކު މިއީ ދިވެހިންނަށް އަގުބޮޑު އަދި ފަސޭހައިން ލިބޭ އެއްޗެއް ނޫނެވެ.

ބެރީސް ނޫނަސް އެހެން މޭވާތައްވެސް ހެނދުނުގެ ނާސްތާގައި ބޭނުން ކޮށްލެވިދާނެއެވެ. ދޮންކޭލަކީވެސް އެގޮތުން ފައިދާ ހުރި މޭވާއެކެވެ. އަދި އާފަލު، އޮރެންޖު، ފަޅޯ، ފޭރު، އަނބު ފަދަ މޭވާތައްވެސް ބޭނުންކޮށްލެވިދާއެވެ.

ހެނދުނުގެ ނާސްތާއާއި މެންދުރުގެ ކެއުމާ ދެމެދު މާބޮޑަށް ބަނޑުހައި ވާނަމަ މޭވާއެއް ކާލެވިދާނެއެވެ.

މޭވާޖޫސް ބޭނުންކުރުމުގެ ބަދަލުގައި އަބަދުވެސް ތާޒާމޭވާ ކާން ސަމާލުކަންދޭށެވެ.

ކޮފީ

ބައެއްމީހުން ހެނދުނު ހޭލާގޮތަށް އެންމެ ފުރަތަމަވެސް ބޭނުންވާނީ ކޮފީއެއް ބޯލާށެވެ. ކޮފީގައި ހިމެނޭ ކެފެއިން އަކީ ސިކުނޑި ހޭލައްވާލާ މީހާ އެލާރޓްކޮށްލާ އެއްޗެކެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ކޮފީއަކީ ލޭގައި ހަކުރުގެ މިންވަރު އަދި ހަށިގަނޑުގެ ބަރުދަން ކޮންޓްރޯލްކުރުމަށްވެސް އެހީވެދޭ އެއްޗެކެވެ. މި ދައްކަނީ ދިވެހިންގެ ގިނަބަޔަކު އާންމުކޮށް ބޭނުންކުރާ ހަކުރު އަޅާފައި ހުންނަ ޕެކެޓް ކޮފީގެ ވާހަކައެއް ނޫނެވެ. އެއްވެސް އެއްޗެއް އެއް ނުކޮށް ހުންނަ ކަޅުކޮފީގެ ވާހަކައެވެ. ކޮފީއަށް ހަކުރާއި ކިރު އެޅުމުން އޭގެ ފައިދާތައް ކުޑަވެއެވެ. އެހެންކަމުން ކިރު އަޅަން ބޭނުންނަމަ ލޯ ފެޓް ކިރުކޮޅެއް އަޅާލާށެވެ. އެންމެ ރަނގަޅީ ހަކުރު ނާޅާ ބޭނުންކުރުމެވެ.

ސައި

ކަޅުސައި ނުވަތަ ގްރީން ޓީ ވެސް ބޭނުންކުރެވިދާނެއެވެ. ކޮފީގައި އެކުލެވޭ ވަރަށްވުރެ މަދުންނަމަވެސް ސަޔަކީވެސް އޭގައި ކެފެއިން އެކުލެވޭ އެއްޗެކެވެ. އަދި އެންޓިއޮކްސިޑެންޓްސްވެސް ހިމެނޭ އެއްޗެކެވެ. ކަޅު ސަޔަށްވުރެ ފައިދާ ބޮޑުވާނީ ގްރީން ޓީ ގައެވެ. ގްރީން ޓީއަކީ ބަރުދަން ލުއިކުރުމަށާއި ސަރުބީ ވިރުވާލުމަށްވެސް އެހީތެރިވާ އެއްޗެކެވެ.

ކިރު

ހަކުރު ނާޅާ ސައި ބުއިމަކީ ބައެއް މީހުންނަށް އެހާފަސޭހަކަމެއް ނޫނެވެ. އަދި ހެނދުނުގެ ނާސްތާކުރާ އިރު ބޯލާނެ ކޮންމެވެސް އެއްޗެއް ހުރުމަކީވެސް ގިނަ މީހުންނަށް މުހިންމު ކަމެކެވެ. އެގޮތުން ލޯ ފެޓް ކިރު ތައްޓެއް ހެނދުނުގެ ނާސްތާގައި ބޭނުންކޮށްލެވިދާނެއެވެ. ކިރަކީ އޭގެން ކެލްސިއަމް ލިއްބައިދޭ އެއްޗެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ދިވެހިންގެ ޓޭސްޓް....... ތި ޕީނަޓް ބަޓަރުތަކާ ފޮނި އެއްޗެތި ނުކެވޭނެ. ހެދުނުގެ ނާސްތާއަށް ކުޅިރަހަ ލޮނުރަހަ މި ދެރަހަލާ އެއްޗެއް ކޮންމެހެންވެސް ހުންނަންޖެހޭނެ

    10
  2. Anonymous

    ޖަޒާކަﷲ