އަލުވި ކައިގެން ބަރުދަން ލުއި ކުރެވިދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

މީގެ ކުރިން އަލުވި އަކީ ޓައިޕް ޓޫ ހަކުރު ބަލީގެ ނުރައްކާ ބޮޑުވާ ބާވަތްތަކެއް ކަމަށާއި އިންސިއުލިން ރެސިސްޓެންސް ހުންނަ މީހުން މި ތަރުކާރީ ކެއުމުން ދުރުހެލިވުމަށް އަންގާފައި ވެއެވެ.

ނަމަވެސް ޖާނަލް އޮފް މެޑިކަލް ފުޑްގައި ޝާއިއުކޮށްފައިވާ އާ ހޯދުންތަކުން ދައްކާ ގޮތުގައި މިއީ ހަގީގަތެއް ނޫން ކަމަށް ބެލެވިދާނެއެވެ.

އެމެރިކާގެ ސައިންސްވެރިން ކުރި ދިރާސާތަކުން އެނގިފައިވާގޮތުގައި، ކާއެއްޗެހީގެ ކެލޮރިފިކް މާއްދާއަށް ބެލުމެއް ނެތި، ވަކި މިންވަރަކަށް ކާއެއްޗެހި ކެއުމުން މީހުން ފުރިފައިވާ ކަމުގެ އިހުސާސް ކުރުވައެވެ.

މި ދިރާސާގެ ކޯ އިންވެސްޓިގޭޓަރު، ލޫސިއާނާގެ ބެޓަން ރޫޖްގައި ހުންނަ ޕެނިންގްޓަން ބަޔޯމެޑިކަލް ރިސާޗް ސެންޓަރުގެ ޕްރޮފެސަރު ކެންޑިޑާ ރެބެލޯ އާ ހަވާލާދީ ބުނެފައި ވަނީ ފުރިފައިވާ ކަމުގެ އިހުސާސް ކުރުވުމަށް ކެލޮރީގެ މިންވަރަށް ބެލުމެއް ނެތި އެއް ބަރުދަނެއްގެ ކާނާ ކެއުމަށް މީހުން ކައި އުޅޭ ކަަމަށެވެ.

"ކެލޮރީސް މަދު ބަރުދަން ހުންނަ ކާނާ ކެއުމުން ކެލޮރީސް ބޭނުންކުރާ މިންވަރު ފަސޭހައިން މަދުކުރެވިދާނެ".

އެގޮތުން މި ދިރާސާގެ މައިގަނޑު ކަމަކީ ކެއުންތަކުގެ ސައިޒް ކުޑަނުކޮށް އަލުވި ހިމަނައިގެން ކެލޮރީސްގެ މިންވަރު ކުޑަ ކުރުމެވެ.

"ކޮންމެ ބައިވެރިއެއްގެ ކެއުމަކީ ވެސް އެމީހެއްގެ ޕާސަނަލައިޒްޑް ކެލޮރިފިކް ބޭނުންތަކަށް ތައްޔާރުކޮށްފައިވާ ކެއުމެއް ނަމަވެސް، ބައެއް މަހުގެ ބާވަތްތަކުގެ ބަދަލުގައި އަލުވި އެޅުމުން ބައިވެރިންގެ ފަރާތުން ފެނުނީ އަވަހަށް ފުލްވިކަން. އަދި ގިނަ ފަހަރަށް ކެއުން ވެސް ނުނިމޭ. ހަގީގަތުގައި ކުޑަ މަސައްކަތަކުން ބަރުދަން ލުއި ކޮށްލެވިދާނެ."

މީގެ ކުރިން ހެލްތްލައިންގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ތިން ދުވަހާއި ފަސް ދުވަސް ވަންދެން ހުސް އަލުވި ފިޔަވައި އެހެން އެއްޗެއް ނުކައިގެން ދުވާލަކު އެއް ޕައުންޑް (0.45 ކިލޯ) ލުއިކޮށްދެވިދާނެއެވެ.

މި ކޮންސެޕްޓަކީ 1849 ވަނަ އަހަރުން ފެށިގެން އައި ކޮންސެޕްޓެއް ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް، 2016 ވަނަ އަހަރު އަނެއްކާވެސް މި ކޮންސެޕްޓް މަގުބޫލުވީ "ޕޮޓޭޓޯ ހެކް: ވެއިޓް ލޮސް ސިމްޕްލިފައިޑް" ޝާއިއުކުރުމުންނެވެ.

ޓިމް ސްޓީލް އޭނާގެ ފޮތުގައި ބުނެފައިވާ ގޮތުގައި އަލުވިއަކީ "މިހާތަނަށް އުފެއްދި އެންމެ މޮޅު ޑައިޓް ޕިލް" އެވެ. އޭނާ ބުނާ ގޮތުގައި މި ތަރުކާރީގެ ސަބަބުން ދިފާއީ ނިޒާމު ވަރުގަދަވެ، ބަނޑުގެ ދުޅަހެޔޮކަން ރަނގަޅުވެ، ބަރުދަން ލުއިކުރުމުގެ މަރުހަލާގައި ހަކަތަ ދެމެހެއްޓުމަށް ގިނަ އަދަދެއްގެ ނިއުޓްރިއެންޓްސް ފޯރުކޮށްދެއެވެ.