މިހާރު ގަތަރްގައި ކުރިއަށްދާ ފީފާ ވޯލްޑްކަޕް 2022ގެ އޮފިޝަލް ލަވަ ކަމަށްވާ "އޭއާރްއެޗްބީއޯ"ގެ ބޮޑުބެރު ވާޝަން ރާއްޖޭގައި ގިނަބަޔަކަށް އެންމެ ކަމުދާ ބޮޑުބެރު ގްރޫޕް ކަމަށްވާ "ހަބޭސް ބޮޑުބެރު" ގްރޫޕް އިން ނެރެފިއެވެ.

މިރޭ ހަބޭސް ބޮޑުބެރު ގްރޫޕްގެ އޮފިޝަލް ފޭސްބުކް ޕޭޖްގައި ވަނީ މި ލަވަ އާއްމުކޮށްފައެވެ. "ނަޔާ ނަޔާ"ގެ ނަމުގައި ނެރުނު މި ލަވަ ފެށިގެން ދަނީވެސް ފޯރިގަދަ ބޮޑުބެރުގެ ހަރަކާތްތަކާއި، ކުޅިވަރުގެ ހަރަކާތްތަކާއިވެސް އެކުގައި ފޯރިގަދަކޮށްލާ ތަނެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ހަސަން ތޮލާގް (ތޮލާ)ގެ އަޑުން މި ލަވަ ބޮޑަށް ކައްކުވާލާފައިވާއިރު، ފޯރީގައި ނަށަމުން މުޅި ހަބޭސް ޓީމް ލަވައަށް ފުރިހަމަކަން ގެނެސް ދީފައި ވެއެވެ.

މި ލަވަ ފެށިގެން ދާއިރު ފެހުން ފެނިގެން ދަނީ މީހުންގެ ލަވައިގެ ތެރެއަށް ވެއްދުމަށްޓަކައި ފޯރިގަދަ ކުރުވާ މަންޒަރުތަކެވެ. ހާއްސަކޮށް ބޯޅައިން ހުނަރު ދައްކާލުމާއި، ނެށުމުގެ ހުނަރުވެރިކަން ފެނިގެންދާއިރު، ވަރަށް ބޮޑަށް ފުޓްބޯޅައިގެ ރޫހު މި ލަވައިން ގެނެސް ދެއެވެ. ތޮލާގެ އަޑުން ލަވައަށް އިތުރު ފޯރި ގެނުވަނީ، ބޮޑުބެރާއި ނެށުމުގެ ތެރެއިންނެވެ.

މި ލަވައިގެ ލިރިކްސް ލިޔެ، މިއުޒިކް ތައްޔާރުކޮށްފައި ވަނީ ތޮލާ އެވެ. ލަވައިގެ އޯޑިއޯ ތައްޔާރުކޮށްފައި ވަނީ އިބްރާޙިމް މޫސާ ފިކްރީއެވެ. މި ލަވައިގެ ވީޑިއޯ ތައްޔާރުކޮށްދީފައި ވަނީ "ވަގުތު"ގެ ވީޑިއޯ ހެޑް އަހްމަދު އަލީ އާއި މާރންސް ޓެޑީއެވެ.


މި ލަވައާ ގުޅޭ ގޮތުން ހަބޭސްގެ ފައުންޑަރު އަލީ ޝިފާއު (ހަބޭސް އައްޔަ) "ވަގުތު" އަށް ވިދާޅުވީ، މިއީ ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަހުގެ މަސައްކަތް ކަަމަށެވެ. އޭނާ ވިދާޅުވީ، ބޭނުންވީ އޭއާރްއެޗްބީއޯގެ އަސްލު ލަވައަށް ގިނަބައެއްގެ ސަމާލުކަން ލިބުމާއި ގުޅިގެން، އެންމެންނަށް އެ ލަވައިގެ ބޮޑުބެރުގެ ވާޝަންއެއް ގެނެސް ދިނުން ކަމަށެވެ.

ހަބޭސް ބޮޑުބެރު ގްރޫޕަކީ އެކި މުނާސަބަތްތަކާއި ގުޅިގެން ފޯރިގަދަ އެތައް ލަވައެއް ނެރެމުން އަންނަ ބައެއްކަން ފާހަގަކޮށްލެވެއެވެ.