އޭޓީއެމްތައް ފަޅާލައިގެން އޭޓީއެމްތަކުން ފައިސާ ނަގަމުން ދިޔަ ބަޔަކު ސްރީލަންކާ އިން ހައްޔަރު ކޮށްފިއެވެ.

ސްރީލަންކާ ފުލުހުން ބުނާ ގޮތުގައި ތަކުރާރުކޮށް އެތައް އޭޓީއެމްއެއް ފަޅާލައިގެން ވައްކަން ކުރަމުން ގެންދާކަމުގެ ތުހުމަތުގައި އެގައުމުން ހައްޔަރު ކުރީ ބަލްގޭރިއާއަށް ނިސްބަތްވާ ދެމީހަކާއި ކެނެޑާ މީހަކާއި ސްރީލަންކާގެ ދެމީހެކެވެ. ސްރީލަންކާގެ ދެމީހުންގެ ތެރޭގައި ފުލުހަކު ވެސް ހިމެނެއެވެ.

ހައްޔަރު ކޮށްފައިވާ ފަސް މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރަން އިއްޔެ ކޯޓަށް ހާޒިރު ކުރުމުން މިމަހުގެ 23 ވަނަ ދުވަހާއި ހަމައަށް އެމީހުން ބަންދުގައި ބައިތިއްބަން ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

މީޑިއާ އަށް މައުލޫމާތު ދިން ފުލުހުންގެ އޮފިޝަލަކު ބުނީ ހައްޔަރު ކޮށްފައިވާ މީހުން އޭޓީއެމްތަކުން ވަގަށް ނެގި ފައިސާގެ އަދަދު އެތައް މިލިއަން ރުޕީސް އަކަށް އަރާ ކަމަށެވެ.

"މައްސަލަ އާއި ގުޅުން ހުރި ތަކެތި ވަނީ އެމީހުންގެ އަތުން ފެނިފައި. މައްސަލައިގެ ތަހްގީގު ކުރިއަށްދާ ވަރަކުން މައްސަލަ އާއި ގުޅުން ހުރި އިތުރު މައުލޫމާތުތައް ވެސް ފުލުހުން ހާމަކުރަމުން ގެންދާނެ." ފުލުހުންގެ ތަރުޖަމާން ވިދާޅުވިއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި އޭޓީއެމްތަކުން ފައިސާ ނެގުމުގައި އެމީހުން ގެންގުޅުނު އުކުޅުގެ ސަބަބުން ބޭންކްތަކުގައި ހުރި އާއްމުންގެ ފައިސާއެއް ގެއްލުނުކަން އަދި ފާހަގަ ކުރެވިފައެއް ނުވެއެވެ.

ސްރީލަންކާ އަކީ ބޭންކްތަކުގައި ބޭނުންކުރާ ކާޑުތަކުގެ ޑްބްލިކޭޝަން ކާޑު އުފައްދައިގެން ވެސް ވައްކަން ކުރުން ވަރަށް އާއްމު ގައުމެކެވެ. އެހެންވެ އެގައުމުގައި އަދިވެސް ގިނަ މީހުން ގެންގުޅެނީ ނަގުދު ފައިސާ އެވެ. އާބާދީގެ ނިސްބަތުން ކާޑު ބޭނުންކުރާ މީހުންގެ އަދަދު މަދުވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު