މިސުރުގެ ދަގާލިއާ ޕްރޮވިންސްގައި ފިރިހެނަކު އޭނާގެ އަނބިމީހާގެ ބޯ ބުރިކޮށްލުމަށްފަހު، ބޮލާއެކީގައި ސެލްފީ ނަގާ، އަންހެންމީހާގެ އާއިލާއަށް ފޮނުވައިފިއެވެ.

ހަމްޒާ އަލް އަޖޫޒް ކިޔާ މި މީހާ ވަނީ އޭނާގެ އަންހެނުން މަރާލުމަށްފަހު ހަށިގަނޑު ކައިރީގައި ހުރެ ފޭސްބުކްގައި ލައިވްވެސް ވެފައެވެ. އަދި އޭނާ ފޭސްބުކް ލައިވް ކޮށްފައިވަނީ ބިރުގަނެފައި ތިބި އެ ދެމަފިރިންގެ ތިން އަންހެން ދަރިންނާއި ވެސް އެކުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ލައިވްގައި އޭނާ ވަނީ އޭނާގެ ވާހަކަ އަޑުއެހުމަށް މިސްރުގެ މީޑިއާތަކަށް ގޮވާލާފައެވެ.

އޭނާ މި މަންޒަރުތައް ލައިވް ކުރަން ފެށުމުން، އެ އަވަށުގެ މީހުން ވަނީ ފުލުހުންގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ. އަދި އެއަށްފަހު ފުލުހުން ކުށުގެ ވެއްޓަށް ދިޔައިރުވެސް އެމީހާ އިނީ ބޯ ބުރިކޮށްލާފައި އޮތް އޭނާގެ 26 އަހަރުގެ އަނބިމީހާގެ ހަށިގަނޑު ކައިރީގައި ކުރަމުންދިޔަ ފޭސްބުކް ލައިވްގައި ވާހަކަ ދައްކާށެވެ. އަދި ފުލުހުން އޭނާ ހައްޔަރު ކުރަން އުޅުމުން އޭނާ ވަނީ އެ ދެމަފިރިންގެ ތިން އަންހެންދަރިން މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

ނަމަވެސް ފުލުހުން ވަނީ އި ތިން ކުދިން ސަލާމަތް ކޮށް، އެމީހާ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ ފުރަތަމަ ތަހުގީގުން އެނގިފައިވާ ގޮތުގައި އެ ދެމަފިރިން ކައިވެނިކޮށްގެން އުޅޭތާ ނުވަ އަހަރު ވަނީ ވެފައެވެ. ނަމަވެސް ކުރިންވެސް ދެމަފިރިންގެ މެދުގައި އަނިޔާވެރި ޒުވާބުތައް ހިނގާތީ، މީގެ ދެއަހަރު ކުރިން މި ދެމީހުން ވަނީ ވަރިވެފައެވެ. އަދި އަނެއްކާވެސް ދެމީހުން ސުލްހަވެ އަލުން ކައިވެނިކޮށް، ފިރިމީހާގެ ގެއަށް އަންހެން މީހާ ބަދަލުވީ މީގެ ދެ ހަފްތާ ކުރިން ކަމަށްވެއެވެ.

ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާތަކުން ބުނާ ގޮތުގައި މިސްރުގައި އަންހެނުންނާއި، އަންހެން ކުދިންނާއި ދެކޮޅަށް ކުރާ ކުށްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެގޮތުން މިދިޔަ އަހަރު ގެ ޖޫން މަހު 21 އަހަރުގެ ދަރިވަރެއްކަމަށްވާ ނާއިރާ ޝަރީފް ގެ ގަޔަށް 19 ފަހަރު ވަޅިން ހަމަލާދީ މަރާލާފައިވަނީ އޭނާ ކިޔަވާ ޔުނިވާސިޓީގެ ގޭޓް ކައިރީގައެވެ. އެކަން ހިނގީ އޭނާ މީހަކަށް ކައިވެންޏަށް ދެކޮޅު ހެދިތާ އެއް އަހަރު ފަހުންނެވެ.

އަދި އެހެން ދަރިވަރެއްކަމަށްވާ 20 އަހަރުގެ ސަލްމާ ބަގަތް ގެ ގަޔަށްވެސް 15 ފަހަރު ވަޅިން ހަމަލާދީ ވަނީ މަރާލާފައެވެ. ސަލްމާ މަރާލި ކަމަށްވެސް ތުހުމަތުކުރެވުނީ ކައިވެނީގެ ހުށައެޅުމަށް ދެކޮޅު ހެދުމުން އޭނާ އާއި އެކުގައި ކިޔަވަމުން ދިޔަ އެހެން ދަރިވަރެކަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މިރާއްޖޭގައި ވެސް އެބައުޅޭ ދޯ މިހާރު ތިކަހަލަ މީހުން. ގެވެށީގައި މިނިކަތިލާ އަންހެނުންނާއި މިނިކަތިލާ ފިރިހެނުން ދުނިޔޭގައި ގިނަވަމުން ދިއުމުގެ ސަބަބަކީ ކޮބާކަން މީޑިއާގެ ރިޕޯޓުތަކުން އެނގޭ. އެއީ ބޯހިޔާވަހިކަން ނުލިބުމާއި ދަތިހާލުގައި އުޅެންޖެހުމާއި މީހުނާ ކައިވެނިކުރުމަށް ހުރަސްއެޅުން. މި ތިން މައްސަލައަށް ހައްލު ހޯދާދޭން އެއްވެސް ބަޔަކު ނޫޅޭ. ދެން ކިހިނެއް ގެވެށީގެ މިނިކަތިލުން ހުއްޓުވޭނީ؟

    1
    1
  2. ކޭ

    ޓޭޓު ބޯއީފްރެންޑުން