ކޮންމެ މީހަކުވެސް މަސައްކަތުން ޗުއްޓީ ނަގާނީ، މަސައްކަތާއި ދުރުވެލާ ހިތްހަމަޖައްސާލާ ހަދާލުމަށެވެ. ޗުއްޓީގައި ގޭގައި އަރާމުކޮށްލަން އޮންނަ އިރު، ނުވަތަ ދަތުރެއް ގޮސްލާ މަޖާކޮށްލަން އުޅޭ އިރު، މަސައްކަތް ކުރާ އޮފީހުން ގުޅާ އުނދަގޫކުރުމަކީ އެއްވެސް މީހަކު ބޭނުންވާނެ ގޮތެއް ނޫނެވެ.

ނަމަވެސް މަސައްކަތާއި ގުޅިގެން އަންނަ މިފަދަ އާޖެންޓް ކޯލްތަކާއި މެސެޖުތަކުގެ ސަބަބުން އެތައް ދުވަހަކުއްސުރެ ރާވާ ޗުއްޓީ ހަރާބުވާ ފަަހަރު އަންނަނީ މަދުންނެއް ނޫނެވެ. މަސައްކަތުން ނަގާ ޗުއްޓީގައި އޮފީހުގެ އެއްވެސް ކޯލެއް ނުވަތަ މެސެޖެއްވެސް ނާންނަންޏާ ކިހާ ރަނގަޅު ހެއްޔެވެ؟ މިއީ ވުމަށް ވުރެ ނުވުން ގާތް ކަމެއް ކަމުގައި ހީކުރެވުނަސް، އިންޑިއާގެ ކުންފުންޏަކުން މި ވަނީ މިކަން ކުރުމަށް ފިޔަވަޅުތަކެއް އަޅާފައެވެ.

އިންޑިއާގެ މުމްބާއީގައި ހުންނަ ފެންޓަސީ ސްޕޯޓްސް މަންސައެއް ހިންގާ ޑްރީމް11 ކުންފުނިން މިވަނީ، ކުންފުނީގެ މުވައްޒަފުންނަށް ޗުއްޓީގައި ހަމަޖެހިގެން ހިތްހަމަޖައްސާލުމުގެ ފުރުސަތު ދިނުމަށްޓަކައި، "ޑްރީމް11 އަންޕްލަގް" ކިޔާ ޕޮލިސީއެއް އުފައްދާފައެވެ.

މި ޕޮލިސީގެ ދަށުން ޗުއްޓީގައި ހުންނަ މުވައްޒަފަށް އޮފީސް މަސައްކަތެއްގައި ގުޅާ ނުވަތަ މެސެޖުކުރާ މުވައްޒަފުން 1200 ޑޮލަރުން ޖޫރިމަނާ ކުރެވޭނެއެވެ. އެއީ ގާތްގަނޑަކަށް އެއްލައްކަ އިންޑިއާ ރުޕީސް އެވެ. 2008 ވަނަ އަހަރު އުފެދުނު މި ކުންފުނީގެ ކޮންމެ މުވައްޒަފަކަށްވެސް އަހަރަކު 1 ހަފްތާ ޗުއްޓީ ނެގުންވެސް މަޖުބޫރު ވާނެއެވެ.

"ކޮންމެ އަހަރަކު އެއްފަހަރު އެއް ހަފްތާއަށް މުވައްޒަފު އޮފީހުގެ މަސައްކަތުން އެއްކޮށް ބޭރުކޮށްލެވޭނެ. އަދި މި ވަގުތުގައި އެމީހަކަށް އޮފީހުގެ އެއްވެސް ކޯލެއް، މެސެޖެއް، އީމެއިލެއް ނާންނާނެ. އޭރުން އެމީހަކަށް އެ ހަފްތާ އެއްވެސް އުނދަގުލެއްނެތި ވަގުތު ހޭދަ ކޮށްލެވޭނެ. އަދި ކުންފުންޏަށްވެސް އެނގޭނެ އަހަރެމެން ވަކި މީހަކަށް މާ ބޮޑަށް ބަރޯސާ ވަންޏާވެސް." ކުންފުނީގެ ކޯ ފައުންޑަރ ބާވިތް ޝޭތް ބުނެފައިވެއެވެ. އޭނާ ބުނެފައިވަނީ މިހާތަނަށޤ މި ސިސްޓަމް އިން ވަރަށް ރަނގަޅު އަސަރެއް ކޮށްފައިވާ ކަމަށެވެ.

ޝޭތް ބުނެފައިވަނީ މި ގޮތަށް ޗުއްޓީގައި މުވައްޒަފުންނަށް އުނދަގޫ ނުކޮށް ހަމަޖެހިލާ، ވަގުތު ހޭދަކޮށްލަން ފުރުސަތު ދިނުމުން، ޗުއްޓީ ނިންމާފައި އައިސް އެންމެ ފުރިހަމައަށް މަސައްކަތް ފަށަން މުވައްޒަފުން ތައްޔާރުވެފައި ތިބޭނެ ކަމުގައި ކުންފުނިން ގަބޫލުކުރާ ކަމަށެވެ.

މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ވަރަށް ގިނަ ކުންފުނިން ތަފާތު ކަންތައްތައް ކޮށް އުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޣ

    އެންމެ ހަފްތާއެއް؟