އަލްޓިމޭޓް ފައިޓިން ޗެމްޕިއަންޝިޕް (ޔޫއެފްސީ) ގައި ވާދަކޮށްފައިވާ އެމެރިކާގެ ވަރަށް މަޝްހޫރު އެތުލީޓެއް ކަމަށްވާ ކެވިން ލީ އިސްލާމް ވެއްޖެއެވެ.

އުމުރުން 30 އަހަރުގެ ކެވިން ބުނާ ގޮތުގައި އޭނާ ވަނީ 2021 ވަނަ އަހަރު އިސްލާމްދީން ގަބޫލުކޮށްފައެވެ. ނަމަވެސް އޭނާ އެކަން އާއްމުކޮށް އިއުލާން ކުރީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

އިސްލާމްދީން ގަބޫލުކުރިކަން އިއުލާން ކުރުމަށްފަހު ކެވިން ބުނީ އިސްލާމްދީނުގެ ސަބަބުން އޭނާގެ ހިތައް ހަމަޖެހުން ލިބިއްޖެ ކަމަށެވެ. އިސްލާމްދީން ގަބޫލުކުރިކަން އިއުލާން ކުރިފަހުން ވަރަށް ގިނަ ބަޔަކު މަރުހަބާ ކިޔައި ތަފާތު މެސެޖްތައްކޮށް، ފޯން ކޯލްތައް ވެސް ކުރަމުން އަންނަކަން ފާހަގަކޮށް ކެވިން ވަނީ އެހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

"ހުރިހާ ފަރާތްތަކަށް ކަންކަން ސާފުކޮށްދިނުމުގެ ގޮތުން އަހަރެން ބުނެދޭން ބޭނުންވޭ އަހަރެން 2021 ވަނަ އަހަރުގެ އޮކްޓޯބަރ މަހު އިސްލާމްދީން ގަބޫލުކޮށްފިން. އެކަމަކު ދާދިފަހަކާއި ޖެހެންދެން އަހަރެން މިކަން އާއްމުކޮށް އިއުލާނެއް ނުކުރަން. އެސަބަބާއި އަދި އިތުރު އެތައް ވާހަކައެއް ގެނެސްދިނުމަށް ވަރަށް އަވަހަށް ޕޮޑްކާސްޓެއް ފަށަން އަހަރެން އެބަ މަސައްކަތް ކުރަން." ކެވިން ބުންޏެވެ.

ކެވިން ބުނީ އިސްލާމްދީން ގަބޫލުކޮށް މުސްލިމުންނާއިއެކު މިހާރު ގާތް ގުޅުމެއް ބާއްވަމުން އަންނަ ކަމަށާއި މުސްލިމް އެކުވެރިންގެ ފަރާތުން ވަރަށް ގިނަ އެއްޗެހި އޭނާ އަށް ދަސްވަމުންދާ ކަމަށެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު އެމެރިކާގައި އިސްލާމްދީން ގަބޫލުކުރާ މީހުންގެ އަދަދު ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. މިހާރު އެމެރިކާގައި ތިން ވަނަ އަށް އެންމެ ގިނަ މީހުން ތަބާވާ ދީނަކީ އިސްލާމްދީނެވެ. އެމެރިކާ ރައްޔިތުންގެ ތެރޭގައި 3.5 މިލިއަން މުސްލިމުން ތިބޭނެ ކަމަށް 2017 ވަނަ އަހަރުގެ ބޯހިމެނުމުގެ ރިޕޯޓްގައި ލަފާކޮށްފައި ވެއެވެ. ނަމަވެސް އެމެރިކާގައި ތިބި މުސްލިމުންގެ އާބާދީ މުޅިން ކަށަވަރެއް ނުވެއެވެ. އެއީ ބޯހިމަނާއިރު އެމީހެއްގެ ދީނާއި ގުޅޭ ގޮތުން އެމެރިކާގައި ސުވާލު ނުކުރާތީއެވެ. ދީންތަކަށް ތަބާވާ މީހުންގެ އަދަދު އެމެރިކާގައި އިއުލާން ކުރަނީ ދިރާސާތަކެއްގެ މައްޗަށް ބިނާކޮށް އަދަދުތަކެއް ލަފާކޮށްގެންނެވެ.