މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ޖަރުމަނުގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ޓްރޭޑް ފެއާ، އައިޓީބީ ބާލިން ގަައި ބައިވެރިވުމަށް ދިވެހި ސަގާފީ ގުރޫޕް ޖަރުމަނަށް ފުރައިފިއެވެ.

މި އަހަރުގެ އައިޓީބީ ބާލިން 2023 ގައި ދިވެހި ސަގާފީ ގުރޫޕުގައި ބައިވެރިވަނީ ޕްރޮފެޝަނަލް ނަށާ ގުރޫޕެއް ކަމަށްވާ ޑައިނިސިއެކްގެ ނެށުންތެރިންނާއި މާސްޓަރސެފް މަހާ ނަސީރު އާއި އެކު އިތުރު ދެ ދިވެހި އަންހެން ސެފުންނެވެ.

ފެއާގައި ހުންނަ ރާއްޖޭގެ ސޮޓޯލްގައި ސަގާފީ ގްރޫޕުގެ ނެށުންތެރިން އެކި ދިވެހި ލަވަތައް ތަމްސީލު ކުރުމަށް ވަނީ ހަމަޖެހިފައިއެވެ. އަދި ދިވެހި ސެފުންގެ ޓީމުން ވަނީ ޒިޔާރަތްކުރާ އެކި ފަރާތްތަކަށް ދިވެހި ކާބޯތަކެތި ތައްޔާރު ކުރާ ގޮތް ލައިވް ސްޓޭސަންގައި ދައްކާލުމަށް ހަމަޖެހިފައިއެވެ.

މި ފެއާގައި ތަމްސީލުކުރާ ކުންފުނިތަކުގެ ތެރޭގައި ދުނިޔޭގެ އެކިކަންކޮޅުތަކުގެ ހޮޓާތަކާއި، ޓޫރިސްޓް ބޯޑުތަކާއި އަދި ޓުއާ އޮޕަރޭޓަރުން ހިމެނެ އެވެ.

މި އަހަރު އައިޓީބީ ބާލިން ގަައި އެމްއެމްޕީއާރްސީ އިން ބަހައްޓާ ވިޒިޓް މޯލްޑިވްސްގެ ސްޓޯލްގައި ފަތުރުވެރިކަމާއި ބެހޭ 82 ކުންފުންޏަކުން 200 އަށް ވުރެ ގިނަ މީހުން ބައިވެރިވެއެވެ.

އައިޓީބީ ބާލިން ފެއާ އަކީ ފަތުރުވެރިކަމުގެ ދާއިރާ އިން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފެއާއެވެ. ކޮންމެ އަހަރަކު ވެސް 180 އަށް ވުރެ ގިނަ ގައުމުން ދިހަހާހަށްވުރެ ގިނަ ފަރާތުން މި ފެއާގައި ބައިވެރިވެއެވެ. މިފެއާގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ވިޔަފާރީތައް ބައްދަލުކޮށް، މަޝްވަރާކޮށް، ވިޔަފާރީގެ އެއްބަސްވުންތައް ގާއިމު ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޗަކޮއި

    ފެނަކައިގެ ޓީމެއްވެސް ވެއްޖެ ޑުބާއީއަށްގޮސް. މީހެ ހަޤީގަތެއްވެސް ބަލައި ސާފުކޮށްލަދެއްވުން އެދެން. ގައިމު ހަރަދުކުޑަކުރަން، އޯވަޓައިމްގަ މަސައްކަތް ނުކުރަން އަންގާފައިތް އިރު މިފަދަ ދަތުރެއް ޑުބާއި އަށް ދިޔާއީ ކޮންތާކުން ފަންޑުހޯދައިގެ ތޯ؟