ދެ ލޯބިވެރިން ރުޅިވެއްޖެއްޔާ ނޫނީ ގުޅުން ނިމުމަކާއި ގާތްވާއިރު، ގިނަ ފަހަރާއި ހޫނު ބަހުގެ ހަމަލާތައް އެކަކު އަނެކަކަށް ރަައްދުނުވާ ފަހަރުތައް މަަދުވާނެއެވެ. ނަމަވެސް، ދެ މީހުންގެ ވަކިވެގެން ދުވަސްތައް ފާއިތުވާ ވަރަކަށް އެ ދެމެދުގައި އޮންނަ ފަރަގު ކުޑަވެ، އެކަންތައް ހުއްޓުމަކަށް އާދެއެވެ. އަދި ދެ މީހުން އެހެން މީހުނާއިއެކު އައު ހަޔާތެއް ފަށާއިރު، ހުރިހާ ކަމެއް މާޒީވެގެންދެއެެވެ.

ސްޕެއިންގެ ކުރީގެ ހުނަރުވެރި ޤައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން ޖެރާޑް ޕީކޭއާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ކަމަށްވާ މަޝްހޫރު ލަވަކިޔންތެރިޔާ ޝަކީރާއާއި ދެމީހުން ރުޅިވީފަހުން ވަރަށް ގިނަ ދުވަސްތައް ފާއިތުވެއްޖެއެވެ. ޕީކޭ ޝަކީރާ ދޫކޮށްފައި ދިޔަަ އިރުގައި، އެ ދެ މީހުން ވަނީ ދެ މީހުންނަށް ލިބިފައިހުރި ދެ ފިރިހެން ދަރިންގެ ހަައްޤުގައި ސުލްހަވެރިކޮށް އުޅޭނެ ކަމުގެ ވާހަކަތައް ދައްކާފައިއެވެ.

އެހެންވިޔަސް، ޕީކޭ ޝަކީރާއަށްވުރެ ހަގު އަންހެން ކުއްޖަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ވާހަަކަތައް އާންމުވީ ހިސާބުން، ޝަކީރާ ވަނީ ޕީކޭއާއި އޭނާގެ އައު ލޯބިވެރިޔާއަށް މަލާމާތްކޮށް ލަވައެއްވެސް އުފައްދާފައިއެވެ. ބަދަލުގައި ޕީކޭވެސް ވަނީ އޭގެ ރައްދު ޖަވާބު ފޯރުކޮށްފައިއެެވެ.

މިއީ މިހާރު އައު ވާހަކައަކަށް ނުވާނެ ކަންނޭނގެއެވެ. އެހެން ނަމަވެސް، މިހާރު މި ދެމީހުންގެ ޖަދަލުގެ ތެރެއަށް ދެމީހުންގެ ސަޕޯޓަރުންވެސް ވަންނަން ފަށާފިއެވެ. އެންމެ ފަހުން ޕީކޭ ވަނީ އެކަމާއި ގުޅޭ ގޮތުން ވާހަކަ ވެސް ދައްކާފައެވެ.

އުމުރުން 36 އަހަރުގެ ސްޕެއިންއަށްް ނިސްބަތްވާ ޕީކޭ ބުނާ ގޮތުގައި ޝަކީރާގެ ސަޕޯޓަރުންގެ ފަރާތުން މީސް މީޑިއާގައި އޭނާ އަށް ފުރައްސާރަ ކުރިމަތިވެއެވެ. ނަމަވެސް އެކަމާއި އެއްވެސް ވަރަކަށް އަޅައި ނުލާކަމަށް އޭނާ ބުނެއެވެ.

ޕީކޭ ރޭޑިއޯ ޝޯވއަކަށް ދިން އިންޓަވިއުއެއްގައި އޭނާއަށް ވުރެ 10 އަހަރު ދޮށީ ކުރީގެ ލޯބިވެރިޔާއާއި ބެހޭގޮތުން ވާހަކަދައްކަމުން ބުނީ ޝަކީރާ ލެޓިން އެމެރިކާ މީހަކަށް ވުމުން މިދިޔަ އަހަރުގައި އޭނާއަށް ވަރަށް ބައިވަރު ދަތިތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ.

" އަހަރެންނަށް ބުނެދޭންވެސް ނޭނގޭ މީސް މީޑިއާގައި ޝަކީރާގެ ސަޕޯޓަރުންގެ ފަރާތުން އަޑު އަހަން ޖެހޭ އެއްޗިސް. އެހެންވިޔަސް، އެމީހުންނަކީ ކުރާނެ ކަމެއް ނޭނގިފައި ތިބި ދިރިއުޅުމެއް ނެތް ބައެއް. އެމީހުން އެހެން މީހުންނާއި ދޭތެރޭ ނުވިސްނާ" ޝަކީރާގެ ސަޕޯޓަރުންނާއި ބެހޭގޮތުން ޕީކޭ ބުނެފައިވެއެވެ.

މި ވާހަކަތައް އަޑުއިވުމުން، ޝަކީރާ ވަނީ ޕީކޭއަށް އޭގެ ރައްދު ޖަވާބު ފޯރުކޮށްފައިއެވެ.

"ލެޓިން އެމެރިކާ މީހަކަށް ވީތީ އަހަރެން ފަޚުރުވެރިވޭ" ޝަކީރާ ކުރި ޓްވީޓެއްގައި އޭނާ ބުނެފައިވެއެވެ. އަދި މި ޓްވީޓްގައި އޭނާ ވަނީ ލެޓިން އެމެރިކާ ޤައުމުތަކުގެ ދިދަތައްވެސް ހިމަނާފައިއެވެ.

ޕީކޭގެ މި ބަސްތަކާއިއެކު، އޭނާގެ މައްޗަށް ލެޓިން އެމެރިކާ މީހުންގެ ފާޑުކިޔުން އަމާޒުވާން ފެށިއެވެ. އަދި މިހާރު ގިނަ ބަޔަކު އޭނާއާއި ދޭތެރޭ ދެކެނީ ނަސްލީ ތަފާތުކުރާ މީހެެއްގެ ގޮތުގައެވެ.

ޝަކީރާގެ އެންމެ ފަހުގެ ޚަބަރުތަކަށް ބަލާއިރު، އޭނާ މިހާރު ވަނީ ދަރިންނާއިއެކު ބާސެލޯނާގައި ހުރި ޕީކޭގެ ގެ ދޫކޮށްފައި އެމެރިކާގެ މަޔާމީއަށް ދިރިއުޅުން ބަދަލުކޮށްފައި ކަމަށް ބައެއް ރިޕޯޓްތަކުގައި ބުނެފައިވެއެވެ. ސްޕެއިންގެ ބައެއް މީޑިއާތަކުގައި ވަރަށް ބޮޑަށް ވާހަކަ ފެތުރިފައިވާ ގޮތުގައި ޝަކީރާ ބާސެލޯނާ ދޫކޮށްފައި ދާން ނިންމީ ޕީކޭގެ ބައްޕަ އޭނާ ގެއިން ނެރެލުމާއި ގުޅިގެންނެވެ. ޕީކޭގެ ބައްޕަގެ ނަން މަތީގައި އޮތް ގެއަކަށް ވާތީ، އެގެއިން ޝަކީރާ ނުގޮސްފިކަމަށްވާނަމަ، އޭނާ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ސްޕެއިންގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ޝަކީރާ އާއި ޕީކޭގެ 11 އަހަރުގެ ގުޅުމަށް ނިމުން އައީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.