ރީތި ހުސްކުރި ފިލްމީ ތަރިންނާއި ކައިވެނިކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު ބަތަލު ޓޮމް ކްރޫޒް މިހާރު ބޭނުންވަނީ ކޮލަމްބިއާއަށް ނިސްބަތްވާ މަޤްބޫލު ލަވަކިޔުންތެރިޔާ ޝަކީރާގެ ހިތް އަތުލަން ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެެވެ.

ޝަކީރާއާއި ޓޮމް އެކަކު އަނެކަކާއި ފޯމިއުލާ 1 މަޔާމީ ގްރޭންޑް ޕްރިކްސްގައި ދިމާވެފައިވާ ފޮޓޯއެއް މީޑިއާގައި ދައުރުވަމުންދާއިރު، ޝަކީރާއާއި އޭނާގެ ކުދިންގެ ބައްޕަ ކަމުގައިވާ ކުރީގެ ސްޕެއިން ޤައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން ޖެރާޑް ޕީކޭ ދަނީ އެ ދެމީހުންގެ ގުޅުން ނިމުމަކަށް އައި ފަހުން އެކަމާއި އެކަކު އަނެކަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަދިވެސް ބަހުގެ ހަމަލާ ބަދަލުކުރަމުންނެވެ.

އާދީއްތަ ދުވަހުގައި އެމެރިކާގެ ފްލޮރީޑާގައި ބޭއްވުނު އެ ހަރަކާތުން ދިމާވުމަށްފަހު ޓޮމް ވަނީ ޝަކީރާއަށް މާ ބޮނޑިއެއްވެސް ހަދިޔާކޮށްފައެވެ. ބޭރުގެ ޚަބަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދެމީހުން ޕްރައިވެޓް ހޮސްޕިޓާލިޓީ ސޫޓްއެއްގައި ވާހަކަދައްކަން ތިބި މަންޒަރުވެސް ފެނިފައިވެއެވެ. އެއަށްފަހު، ބައެއް މީހުން ދަނީ މި ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދިދާނެކަމާއި މެދު ޝައްކުކުރަމުންނެވެ.

"ޕޭޖް 6" އަށް މައުލޫމާތު ދީފައިވާ މީހަކު ބުނިގޮތުގައި އުމުރުން 60 އަހަރުގެ ހުސްހަށިބަޔަށް ހުރި ޓޮމް މިހާރު ބޭނުންވަނީ އުމުރުން 46 އަހަރުގެ ޝަކީރާއާއި ގުޅެންށެވެ.

މިދިޔަ އަހަރުގައި ޝަކީރާއަށްވުރެ އުމުރުން ހަގު 36 އަހަރުގެ ލޯބިވެރިޔާ ވަނީ އޭނާއާއި ރުޅިވީ ވާހަކަ ސަޕޯޓަރުންނާއި ހިއްސާކޮށްފައެވެ. އޭގެ ފަހުން، ޕީކޭ ވަނީ 24 އަހަރުގެ އަންހެނަކާއި ލޯބީގެ ގޮތުން ގުޅިފައިވާ ވާހަކަވެސް އާންމުކޮށްފައެވެ.