މަގްބޫލު ލަވަކިޔުންތެރިޔާ ޝަކީރާ އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކުރީގެ ކެޕްޓަން ޖެރާޑް ޕީކޭގެ "ބްރޭކް އަޕް" ޔުނިވަސިޓީއަކުން ދިރާސާކުރަން ނިންމައިފިއެވެ.

ދަ ޔުނިވަރސިޓީ އޮފް ކަސްޓިއްޔާ ލަ މަންޗާ (ޔޫސީއެލްއެމް) ގެ ގާނޫނީ ކަންތައްތައް ދިރާސާ ކުރާ ފެކަލްޓީން ވަނީ މި ދެ ތަރިންގެ ވަކިވި ގޮތް ބަލައި ދިރާސާކުރުމަށް ނިންމައިފައެވެ.

އެހެންކަމުން ޔުނިވަސިޓީއިން ވަނީ "ލީގަލް އިމްޕިކޭޝަންސް އޮފް ދަ ޝަކީރާ އެންޑް ޕީކޭ ކޭސް ރިގާޑިންގ ސެޝަން 53 ބީޒެޑްއާރްޕީ" ގެ ނަމުގައި، އޭޕްރީލް 13 ވަނަ ދުވަހު ޔުނިވާސިޓީ އޮފް ކުއެންކާގެ ފެކަލްޓީ އޮފް ސޯޝަލް ސައިންސަސްގައި ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފައެވެ.

"އެއީ ގާނޫނީ ދާއިރާގެ ދަރިވަރުންނާއި (މި މައްސަލައަށް) ޝައުގުވެރިކަން ހުންނަ މީހުންނަށް އަމާޒުކޮށްގެން" ކުރިއަށް ގެންދާ ސެޝަނެއް ކަމުގައި ޔުނިވަސިޓީން ބުނެފައިވެއެވެ.

މީޑިއާ މެދުވެރިކޮށް އެނގޭ އަދި ޝައުގުވެރިވާ މައުޟޫއެއް ބޭނުންކޮށްގެން ކަމާގުޅޭ ބައެއް ގާނޫނީ މައްސަލަތައް ބޭނުންކޮށްގެން ދަރިވަރުންނަށް އުނގަންނައި ދިނުމަކީ މި ސެޝަންގެ މަގްސަދު ކަމަށް ޔުނިވަސިޓީން ބުނެފައިވެއެވެ.

ޕީކޭ ޝަކީރާއަށްވުރެ ހަގު އަންހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ވާހަކަތައް އާންމުވީ ހިސާބުން، ޝަކީރާ ވަނީ ޕީކޭ އާއި އޭނާގެ އާ ލޯބިވެރިޔާ އަށް މަލާމާތްކޮށް ލަވައެއްވެސް އުފައްދާފައިއެވެ.

ކުޅަދާނަ ލަވަކިޔުންތެރިޔާ ޝަކީރާ އާ އެކު އޮތް 11 އަހަރު ގުޅުން މިދިޔަ އަހަރުގެ ޖޫން މަހު ނިމުމަކަށް ގެނެސް ބާސެލޯނާގެ ތަރި ވަނީ ރަސްމީކޮށް އެކަން އިއުލާންވެސް ކޮށްފައެވެ.

ޖެރާޑް އާއި ޝަކީރާގެ ދެ ފިރިހެން ކުދިން ތިބެއެވެ. އެއީ ހަތް އަހަރުގެ މިލާން އާ ފަސް އަހަރުގެ ސާޝާއެވެ. ސައުތު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕާ ހިސާބުން ލޯބީގެ ގޮތުން ގުޅިފައިވާ ޕީކޭ އާއި ޝަކީރާއަކީ ދުނިޔޭގައި މަގުބޫލު ދެ މީހުންނެވެ.

ޕީކޭ އާއި ޝަކީރާ ވަކިވެފައި މިވަނީ ޕީކޭ އެހެން އަންހެނަކާއެކު ޝަކީރާއަށް "ރެޑް ހޭންޑް" ކޮށް ފެނިގެން ކަމަށް އޭރު ރިޕޯޓްތައް ބުނެފައިވެއެވެ.