އިންޑިޔާގެ ގުޖުރާތުގައި ދިރިއުޅެމުން ދިޔަ އާއިލާއެއް ސިހުރުވެރިއެއްގެ ވަބާގައިޖެހި ދެމަފިރިޔަކު އަމިއްލައަށް މަރުވުމުން ދެކުދިން ޔަތީމުވެއްޖެއެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި ގުޖްރާތުގެ ރަށްފުށު އަވަށެއްގައި އުޅޭ ދެމަފިރިން ކައިރީ ސިހުރުވެރިޔަކު ބުނެފައިވަނީ ވަކި ދުވަހެއްގެ ވަކި ވަގުތަކު މަރުވުމުން ދެން ދާ ދުނިޔޭގައި ވަރަށް އުފަލުގައި އުޅެވޭނެ ކަމަށެވެ. އެހެންކަމުން އެދުވަހުގެ އެވަގުތާއި ދިމާކޮށް އެދެމަފިރިން އަމިއްލައަށް މަރުވީއެވެ.

އެދެމަފިރިން މަރުވި އިރު އެއާއިލާގައި ދެކުދިން ތިއްބެވެ. 13 އަހަރުގެ ފިރިހެން ދަރިފުޅާއި އެމީހުންގެ 12 އަހަރުގެ އަންހެން ދަރިފުޅު އެހެން އަވަށެއްގައި އުޅޭ އެމީހުންގެ ބޮޑުބޭބެގެ ގެއަށް ދެ ދުވަހަކަށް ފޮނުވާލުމަށްފަހު އެދެމަފިރިން އަމިއްލައަށް މަރުވީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދަނޑުވެރިކަމުގެ މަސައްކަތުން ކައިގެން އުޅޭ އުމުރުން 38 އަހަރުގެ ފިރިހެން މީހާއާއި އޭނާގެ 35 އަހަރުގެ އަނބިމީހާ، މަރުވެފައިވަނީ މިމަހު 16 ވަނަ ދުވަހުގައެވެ. ބޮޑުބޭބެގެ ގެޔަށް ފޮނުވާލި ދެކުދިން އެނބުރި ގެޔަށް އައިއިރު މަންމަ އާއި ބައްޕަ މަރުވެފައި ތިއްބާ ފެނުމުން އެދެކުދިން ވަރަށް ދެރަވިއެވެ. ކުރާނެ ކަމެއް ނޭގިގެން އަވަހަށް ފުލުހުންނަށް ރިޕޯޓްކުރީއެވެ.

ވަގުތުން އަވަށުގެ މީހުންގެ އެހީއާއިއެކު ފުލުހުންގެނެސް ބެލިއިރު އެމީހުންގެ އިނގިލީގެ ނިޝާން ޖަހާފައިވާ ލިއުމެއް ފުލުހުންނަށް ވަނީ ފެނިފައެވެ. އެލިޔުމުގައި ބުނެފައިވަނީ އެދެމަފިރިން މަރުވީ އަމިއްލައަށް ކަމަށާއި އެއްވެސް މީހަކު އެމީހުންގެ މަރުގެ ޒިންމާވާން ނުޖެހޭނެ ކަމަށެވެ.

ފަހުން ފުލުހުން އެމީހުންގެ ފޯނު ހޯދައި ބެލި ބެލުމުން އެނގުނު ގޮތުގައި އެމީހުން ސިހުރު ހަދާ މީހެއްގެ ގާތަށް ވަރަށް ގިނައިން ގޮސް އުޅުނެވެ. ފުލުހުންގެ ތަހުގީގުން އެގުނުގޮތުގައި އެދެމަފިރިން އަމިއްލައަށް މަރުވީ ސިހުރު ހަދާ މީހާގެ ބުނުމަކަށެވެ.

އެހެންނަމަވެސް ފުލުހުން ގެންދަނީ އެމީހުން މަރުވި ގޮތް ބެލުމަށް، ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. ދެ މިކަމުގައި ފުުލުހުންނަށް އިތުރަށް ކުރިއަށް ދެވޭނީ ޕޯސްޓްމޯޓަމް ރިޕޯޓަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު